ދެރަށެއްގެ ބަނދަރުގެ ސަރވޭ، ޑިޒައިން އަދި އަލުން ޢިމާރާތްކުރުން ބަޔަކާ ހަވާލުކޮށްފި

ދެރަށެއްގެ ބަނދަރުގެ ސަރވޭ، ޑިޒައިން އަދި އަލުން ޢިމާރާތްކުރުން ބަޔަކާ ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޙ...

06 Sep 2020 | 10:46

ދެރަށެއްގެ ބަނދަރުގެ ސަރވޭ، ޑިޒައިން އަދި އަލުން ޢިމާރާތްކުރުން ބަޔަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޙަވާލުކޮށްފައިވަނީ ގއ. ކޮލަމާފުއްޓާއި، ގދ. ހޯޑެއްދޫގެ ބަނދަރުގެ ސަރވޭ، ޑިޒައިން އަދި އަލުން ޢިމާރާތްކުރުމުގެ މަސައްކަތެވެ.

ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރި މި މަސައްކަތަށް 119.6 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެ މިނިސްޓްރީން ބުނޭ. އަދި އޮފިޑް އިން 77 އިންސައްތަ ޚަރަދުދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މަސައްކަތް ނިންމޭނެކަމަށް ލަފާކުރެވެނީ 730 ދުވަހުގެ ތެރޭގައި ކަމަށާއި މި މަޝްރޫޢުގެ ދަށުން ކޮލަމާފުށި ހާބަރުގައި 548 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމަށް ނިންމާފައިވާ ކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން 550 މީޓަރުގެ އެއްގަމު ތޮއްޓަކާއި 4 ނެރުބައްތި އާއި 28 ބަނދަރު ބައްތި ޖެހުން މި މަޝްރޫޢުގައި ހިމެނޭ އިރު، 2750 ސްކެއަރ މީޓަރުގެ ޕޭމަންޓެއް ހެދުމާއި 12 މޫރިންގ ބްލޮކްސް ހެދުމާއި 66330 ކިއުބިކް މީޓަރު ބަނދަރު ފުންކޮށް، 5750 ކިއުބިކް މީޓަރު ނެރު ފުންކޮށް، 404 މީޓަރު ރިވެޓްމެންޓް ޖެހުންވެސް ހިމެނޭކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ހޯޑެއްދޫ ހާބަރުގައި ބޭރު ތޮށީގައި 1485 މީޓަރުގެ ބޮޑިހިލަ ޖެހުމާއި 310 މީޓަރުގެ އެއްގަމު ތޮށި ލުމާއި 4 ނެރު ބައްތިއާ 50 ބަނދަރު ބައްތި ޖެހުމަށް ނިންމާފައިވާ އިރު، 1550 ސްކެއަރ މީޓަރުގެ ޕޭމަންޓު ހެދުމާއި 8 މޫރިންގ ބްލޮކްސް ހެދުން ހިމެނޭ ކަމަށާއި 2250 ކިއުބިކް މީޓަރުގެ ނެރު ފުން ކުރުމާއި 652 މީޓަރ ރިވެޓްމެންޓު ޖެހުމާއި 71590 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމަށް ވަނީ ބުނެފައެވެ.

މި މަޝްރޫޢަށް އޮޕިޑް ފަންޑުން 77 އިންސައްތަ އަދި ދިވެހި ސަރުކާރުން 23 އިންސައްތަ ފަންޑު ކުރުމަށް ވަނީ ނިންމާފައެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރުޤް އެވެ. ހެވީ ފޯސްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒަމީރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް