ހުސައިން މުހައްމަދުގެ ތަޢުޒިޔާގެ ދަފްތަރުގައި ރައީސް ސާލިޙު ސޮއި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދުގެ ތަޢުޒިޔާ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ސޮއި ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހަށް މ...

06 Sep 2020 | 10:00

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދުގެ ތަޢުޒިޔާ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ސޮއި ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު މެންދުރު ވަޑައިގެން ތައުޒިޔާގެ ދަފްތަރުގައި ރައީސް ސާލިހު ސޮއިކުރައްވާފައިވާ އިރު، ހުސައިން މުޙައްމަދުގެ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުމުގެ ފުރުސަތު މި ހަފްތާގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އާންމުންނާއި ހުސެއިން އާއެކު މަޖިލީހުގައި މަސައްކަތް ކުރެއްވި މެމްބަރުން މި ދަފްތަރުގައި ސޮއިކުރެއްވުމަށް މަޖިލީހަށް ވަޑައިގެންނެވުމަށް މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އެދިވަޑައިގެންފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހުސެއިން އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ޙުސައިން މުޙައްމަދަކީ، އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 2005ން 2009 އަށް އަދި މަތިވެރީ ދާއިރާގެ މެންބަރުކަން 2009ން 2019 އަށް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ސަރުކާރަށް 28 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ޚިދުމަތްތަކެއް ކޮށްދެއްވާ، ސަރުކާރުގެ އިސް މަގާމުތަކެއްވެސް ހުސައިން ވަނީ ފުރުއްވާފައެވެ.

އެގޮތުން ޓެލެވިޜަން މޯލްޑިވެސްގެ ޑެޕިޔުޓީ ޑިރެކްޓަރކަމާއި، ޑިރެކްޓަރކަމާއި، ޑިރެކްޓަރ ޖެނެރަލްކަމާއި، އެގްޒެކެޓިވް ޑިރެކްޓަރކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލްކަމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރުކަންވެސް ވަނީ ކުރައްވާފައެވެ. އަދި އެގްޒެކެޓިވް ޑިރެކްޓަރކަމާއި، ޓެލެވިޜަން މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ ކަންވެސް ވަނީ ކުރައްވާފައެވެ.

6 އޮގަސްޓް 2008 ގައި ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު، ހުސައިން ހުންނެވީ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނާއިބުކަމުގެ މަގާމުގައެވެ.

ހުސައިން ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 11 ސެޕްޓެންބަރު 1972 ގައި އެއަރޕޯޓު އޮފީހުގެ މިޓިއޮރޮލޮޖިކަލް އޮބްޒަރވަރގެ މަގާމުންނެވެ. އެއަށް ފަހު، ބޭރުގެ ޚަބަރުތައް ތަރުޖަމާ ކުރެއްވުމާއި، ބޭރުގެ ޚަބަރުތައް ދިރާސާ ކުރައްވާ އެ މަޢުލޫމާތުތައް ޢާންމުންނާ ހަމައަށް ގެނެސްދެއްވުމަށް ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކުރައްވާ ހުސައިން ވަނީ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.

މިގޮތުން ޑިޕާޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ނިއުސްރޫމާއި ދިވެހިރާއްޖޭގެ އަޑުގެ ޚަބަރު ނަގާ ތަރުޖަމާކުރާ މަގާމާއި ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރަކަށް ހުންނަވައިގެން ތަޢުލީމީ އެކިއެކި ޕްރޮގުރާމްތައް އުފެއްދެވުމަށްވެސް އޭނާ ވަނީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.

ރާއްޖޭގެ ނޫސްވެރިކަމަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ނޫސްވެރިކަމުގެ އަލިމަސް ގަލަން ޙުސައިން މުޙައްމަދަށް ވަނީ ލިބިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް