ކޯވިޑް-19އިގެ ސަބަބުން ކަރަންޓީނުގައި ތިބެންޖެހޭ މީހުންނަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސަން ޖެހޭ ގޮތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މުއްދަތުގައި ރާއްޖޭން ބޭރުން އަންނަ މީހުން އެއްވެސް ހާލަތެއް ދިމާވެގެން ކަރަންޓީނުގައި ހުންނަން ޖެހޭ ނަމަ އެ މީހަކަށް ވަޒީފާދޭ ފަރާތުން މެޑިކަލް ސެޓްފިކެޓެއް ހުށަހެޅުމަކާ ނުލައި ޗުއްޓީއެއް ދޭން ޖެހެއެވެ. ގޭގައި މަޑުކުރަން ޖެހޭ މުވައްޒަފުންނަށް ވެސް ޗުއްޓީއެއް ދޭން ޖެހެއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގޭގައި މަޑުކުރަން ޖެހޭ މުވައްޒަފުންނަށް ވެސް އެ ހާއްސަ ޗުއްޓީ ހަމަޖައްސައިދޭން ޖެހޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
އެ ޗުއްޓީ ހަމަޖައްސައިދޭން ވަޒީފާ ދޭ ފަރާތަށް ލާޒިމް ވާނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނުވަތަ އޭނާ ކަނޑައަޅާ މީހަކު ސޮއިކޮށް ދީފައިވާ ލިޔުމެއް ދެއްކުމުންނެވެ.
އޭގެއިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ދަތުރުފަތުރާ ގުޅިގެން އަޅާ ހާއްސަ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާއަށް ދިއުމަށް ހުރަސްއެޅޭ ފަރާތްތަކަށްވެސް ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބިލުގައިވެއެވެ.
ދަތުރުފަތުރު މަނާކުރެވިފައިވާ ނަމަ، ވަޒީފާއަށް ދާން ހުރަސް އެޅޭ މުވައްޒަފުންނަށްް ވެސް ޗުއްޓީއެއް ދޭން ބިލްގައިވެއެވެ. އެފަދަ މުވައްޒަފަކު ވަޒީފާއަށް ހާޒިރުނުވެ ހުންނަން ޖެހުނު މުއްދަތުގައި މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހުމަކާ ނުލައި މުސާރަ ލިބޭ ގޮތަށް ޗުއްޓީ ދޭން ޖެހޭނެ ކަމަށް ބިލްގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކުރީ ޖަލްސާގައި ބައިވެރިވި 57 މެމްބަރުންގެ ވޯޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް