އަޅުގަނޑުމެންގެ ތެރެއިން ފަހަކަށް އައިސް ދެމަފިރިއަކު މާގިނައިން ދަރިން ހޯދާ ނަމަ ނުވަތަ ދަރިން ލިބޭނަމަ އެއީ ނާތަހުޒީބީ ކަމެއްކަމަށް ގިނަ ބަޔަކު ދެކެވެ. ބައެއް މީހުން ގެ ޚިޔާލާއި ވިސްނުން ހުންނަ ގޮތުން މާ ގިނަ ދަރިން ހޯދައިފި ނަމަ އުނދަގުތަކާއި ކުރިމަތިވެއެވެ. އެގޮތުން އެ ދަރިން ބަލާ ބޮޑުކުރުމާއި އެދަރިންނަށް ކުރަން ޖެހޭ ޚަރަދުތައް ކުރުމަށް ނުކުޅެދެއެވެ. އެހެން ކަމުން ދަރިން ނުބެލި ލިބޭ އާމްދަނީ އިން ދެކޮޅު ނުޖެހޭ ނަމަ ދަރިން ގިނައިން ހޯދުން ނުވަތަ ލިބުން އެއީ ބައެއް މީހުންނަށް މާޔޫސްކަން ގެނުވާ ކަމެކެވެ.
ނަމަވެސް ދަންނަވަން ތޯއެވެ. ދެމަފިރިއަކަށް ކިތެންމެ ގިނަ ދަރިން ލިބުނަސް ނުވަތަ ގިނަ ދަރިން ހޯދިޔަސް އެކަމުން ތިބާއަށް ކުރިމަތިވާނެ އެއް ވެސް ބަދު ނަސީބެއް ނުވަތަ ލިބޭ އެއްޗަކުން މަދު ވުމެއް ނޯންނާނެއެވެ. ލިބޭނެ އެއްވެސް ދަތިކަމެއް ނުވަތަ ބުރައެއްވެސް ނޯންނާނެ އެވެ. އެއީ އެކަން އެގޮތަށް ގަބޫލުކުރާ މީހުންގެ ނާތަހުޒީބީ ވިސްނުމެކެވެ.
ﷲ ތަޢާލާ ކޮންމެ އިންސާނަކުވެސް ދުނިޔެއަށް ފޮނުއްވަނީ އެ އިންސާނެއްގެ ރިޒުޤާއި އެކުގައެވެ. އެ އިންސާނަކަށް ދުނިޔެ މަތީގައި ލިބެން ޖެހޭ ހުރިހާ ނިއުމަތެއް ފުރިހަމަ އަށް ލިބޭނެ ގޮތް ރާއްވަވާފައެވެ. އެހެން ކަމުން މިކަމުން ދަރިން ކިތެންމެ ގިނަ ވިޔަސް ތިބާއަށް ލިބޭނެ ގެއްލުމަކީ ނުވަތަ މާޔޫސް ކަމަކީ ފަހެ ކޮބާހެއްޔެވެ.؟
އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގައި ދަރިން ނުލިބޭ މީހުން ދަރިން ހޯދަން މަސައްކަތްކުރުންވެސް ވަނީ އަޅުކަމެއް ކަމުގައި ލައްވާފައެވެ. އެހެން ކަމުން ދަރިން ހޯދަން މަސައްކަތް ކުރުންވެސް އެއީ ކޮންމެ ހެން ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް ދަރިން ނުލިބޭ ދެމަފިރިއަކު ނަމަ ދަރިން ހޯދަން ކުރާ މަސައްކަތަކީ އިސްލާމް ދީނުގައި ހުއްދަކުރައްވާފައިވާ މަސައްކަތަކައް ވާން ޖެހެއެވެ.
ތިބާ ދަރިޔަކު ހޯދަން ކުރާ މަސައްކަތެއް ނާކާމިޔާބުވެ ދަރިން ނުލިބުމަކީވެސް ތިބާ މާޔޫސްވާން ޖެހޭ ސަބަބެއް ނޫނެވެ. ދީނީ ޢިލްމުވެރިން ވިދާޅުވާ ގޮތުން ދަރިން ނުލިބުމަކީ ވެސް ތިބާއަށް ބޮޑުވެގެންވާ ނިޢުމަތެކެވެ. ދަރިން ލިބުމާއި ނުލިބުމަކީ ކާއިނާތުގެ ވެރި ﷲ ތަޢާލާގެ މަތިވެރި ރޭވުމެވެ. އެކަލާންގެ މިންވަރު ކުރެއްވި އަޅަކަށް ދަރިން ދެއްވައެވެ. އަދި އެކަލާންގެ ދަރިން ދުދެއްވަން މިންވަރު ކުރެއްވި އަޅަކަށް ދަރިން ނުދެއްވައެވެ. މިކަމަށް އަހަރެމެން އިންސާނުން ޝުކުރު ކޮށް އީމާންވާން ޖެހެއެވެ.
މާތް ﷲ ދަރިން ދެއްވާ މީހުންގެ ހާލަތަށް ވިސްނާލަމާ ހެއްޔެވެ. މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައި އުޅޭ ދަރިން ލިބޭ މީހުންގެ ހާލަތަށެވެ. އެއްބައަކު އަންހެން ދަރިން ގިނައިން ލިބިގެން ހިއްހަމައެއް ނުޖެހެއެވެ. އަނެއް ބައަކު ފިރިހެން ދަރިން ގިނައިން ލިބިގެން ހިއްހަމަ އެއް ނުޖެހެއެވެ. ބޭނުންވަނީ ދެވައްތަރުގެ ދެކުދިން ނެވެ. ނުވަތަ ވަކި ޖިންސެއްގެ ކުދިންނެވެ. ބައެއް މީހުންނަށް ހަމަ އެކަނި ބޭނުން ވަނި އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެހިސާބުން އެއީ އެކަން މުޅިން ފުރިހަމަ ވީކަމަށް އެބައިމީހުން ދެކެވެ. ދަރިން ލިބެން ބޭނުންވާންވީ ވަކި ޖިންސަކުން ނޫނެވެ. ވަކި އަދަދަކަށް ވެސް ނޫނެވެ. ދަރިން ދެއްވަވާނެ އަދަދާއި ޖިންސް ކަނޑައަޅުއްވަވަނީ ﷲ ތަޢާލާއެވެ. އެއަށް ބަދަލު ގެނައުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ވެސް ނޫނެވެ.
އަޅުގަނޑުމެންގެ ތެރެއިން މަދުން ނަމަވެސް ހިނގާކަމެވެ. އެއް ބަޔަކު ދެ ޖިންސުން ދެ ވައްތަރުގެ ދެ ދަރިން ލިބުމުން ނުވަތަ ތިމާ ބޭނުންވާ އަދަދަށް ދަރިން ހޯދުމަށްފަހު އިތުރަށް ދަރިން ނުހޯދަން ވިސްނާ ނުވިހާ އޮޕަރޭޝަންވެސް ކުރާތަން އާދެއެވެ. ވިސްނާލާށެވެ. މިހުންނަނީ އަޅުގަނޑުމެން އިންސާނުން ކުރަން ހެޔޮވެސް ނުވާވަރުގެ ބޮޑެތި ފާފަތަކެވެ. ﷲ ދެއްވަވާ ނިއުމަތަކަށް ކިބުރުވެރިވެ ހުރަސް އަޅަނީއެވެ. މިފަދަ ކަންކަމުން އަޅުގަނޑުމެން ދުރުވެ ރައްކާތެރި ވާންޖެހެއެވެ.
ޝައިޚް މުފްތީމެންކް ވިދާޅުވިއެވެ. ޝައިޚްގެވެސް 7 އަންހެން ދަރިންނާއި 2 ފިރިހެން ދަރިން ﷲ ތަޢާލާ ދެއްވަވާފައިވާ ކަމަށެވެ. އަދި ދެއްވެވި ނިޢްމަތަށް ޝުކުރުވެރިވެގެން ތިބިކަމަށް ޝައިޚް ވިދާޅުވިއެވެ. ޝައިޚް ވިދާޅުވީ ޝައިޚްގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ ޝައިޚް ޢާޞިމް އަލްޙަކީމަށް 13 އަންހެން ދަރިން ﷲ އަޢާލާ ދެއްވަވާފައިވާ ކަމަށެވެ. މިއީ ﷲ އަޢާލާގެ މަތިވެރި ނިޢުމަތެއް ކަމުގައި ޝައިޚް ވިދާޅުވިއެވެ. އަދި އަހަރެމެންނަށް އޮތީ ދެއްވެވި ދަރިން ބަލައި ރަނގަޅު ގޮތުގައި އިސްލާމީ ރިވެތި އުސޫލްތަކުގެ މަތީގައި ރަނގަޅު ތަރުބިޔަތަކުން ދަރިން ތަރުބިޔަތު ކޮށް ބޮޑުކުރުން ކަމުގައި ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ދަރިން ނުލިބުމަކީވެސް އަދި ދަރިން ގިނަވުމަކީވެސް، މަދުވުމަކީވެސް އަދި ވަކި ޖިންސަކުން ދަރިން ގިނަވުމަކީވެސް މަދު ވުމަކީވެސް ޝަކުވާއަކަށް ނުހަދާށެވެ. މި ހުރިހާ ހާލަތަކަށާއި ކަމަކަށް ހިތުގެ އަޑިން އިޚްލާސްތެރި ކަމާއި އެކު ﷲ ތަޢާލާއަށް ޝުކުރުވެރިވާށެވެ.
މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ މުފްތީ މެންކުގެ ދަރުސަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް