ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކުން އަންހެން ކެންޑިޑޭޓުން ނެރޭ ނިސްބަތަށް ރިއާޔަތްކޮށް ބަޖެޓްގެ ބައެއް ސިޔާސީ ޕާޓީތަކަށް ދޫކުރާ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުށަހަޅާ އިސްލާހުތަކުގެ ޑްރާފްޓްގައި ކަރުދާހުގައި ހިމަނައިފިއެވެ.
އީސީގެ ޑްރާފްޓް ކަރުދާހުގައިވާ ގޮތުން، ޖުމުލަ ބަޖެޓްގެ 10 އިންސައްތަ ކަނޑައަޅާފައި ވަނީ ޕާޓީތަކުން އަންހެން ކެންޑިޑޭޓުން ނެރޭ ނިސްބަތަށް ބަލާފައި ޕާޓީތަކުގެ މެދުގައި ފައިސާ ދޫކުރުމަށެވެ. އެއީ މަޖިލީހުގެ އިންތިހާބަށް އަންހެން ކެންޑިޑޭޓުން ނެރެފައިވާ ނިސްބަތަށް 5 އިންސައްތަ އަދި ކައުންސިލް އިންތިހާބުގައި އަންހެން ކެންޑިޑޭޓުން ނެރެފައިވާ ނިސްބަތަށް 5 އިންސައްތައެވެ.
ޕާޓީތަކަށް ކަނޑައަޅާ ޖުމުލަ ބަޖެޓްގެ 25 އިންސައްތަ ކަނޑައަޅާނީ މިހާރު ވެސް ޕާޓީތަކަށް ބަޖެޓްގެ ފައިސާ ދޫކުރެވޭ އުސޫލުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތަށް ޕާޓީތަކުގެ މެދުގައި ފައިސާ ދޫކުރާ ގޮތަށް ކަނޑައަޅާފައި ވަނީ ޖުމުލަ ބަޖެޓްގެ 30 އިންސައްތައެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ބަޖެޓްގެ 10 އިންސައްތަ ކަނޑައަޅައިފައިވެއެވެ.
އީސީން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތަކުގެ ޑްރާފްޓްއެއް އެކުލަވާލާފައިވީ ނަމަވެސް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށް ފަހު ގެންނަން ޖެހޭ ބަދަލެއް ވާނަމަ ގެންނާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް