ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް ޑރ. އަބްދުﷲ މައުސޫމް އައްޔަން ކުރައްވައިފިއެވެ.
އޭނާ މަގާމަށް އައްޔަން ކުރެއްވީ މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ޑރ. މައުސޫމް މިއަދާއި ހަމައަށް ހުންނެވީ ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި އެވެ.
ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ދާއިރާ އިން ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދިވެއްސަކީ މައުސޫމެވެ. އޭނާ ކިޔަވާ ވިދާޅުވީ އިނގިރޭސިވިލާތުގެ ބާމިންގްހަމް ޔުނިވާސިޓީސްކޫލް އޮފް ޕަބްލިސިޓީ އިންނެވެ.
މައުސޫމް ވަނީ ވިލާ ގްރޫޕުގެ ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމު އަދާކުރައްވާފައި އެވެ. އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ކަން ކުރެއްވުމުގެ އިތުރުން ޑރ. މައުސޫމަކީ ކުރީގެ ކެލާ ދާއިރާގެ މެމްބަރެވެ.
ޑރ. މައުސޫމް އެންމެ ފުރަތަމަ ސިޔާސީ ދާއިރާއަށް ނުކުމެ ވަޑައިގެންނެވީ ޑީއާރުޕީންނެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރައްވާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ވަހީދަށް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވުމާއި ގުޅިގެން މަގާމުން ވަކި ކުރެއްވުމުންނެވެ އޭނާ މަގާމުން ވަކި ކުރީ މިދިޔަ މަހު ނުވަ ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް