ކޯވިޑް-19 ގެ ކޭސްތައް އިތުރުވެ މާލޭ ސިޓީގެ ސްކޫލްތަކުގެ ކިޔެވުން ބަންދު ކުރި ނަމަވެސް އަތޮޅު ތެރޭގެ ސްކޫލްތަކުގެ ކިޔެވުން ކުރިޔަށް ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ނިންމާފައިވަނީ ކުރިޔަށް އޮތް ދެ ހަފްތާގައި މާލޭ ސިޓީގެ ސްކޫލްތަކުގެ ކިޔެވުން ބަންދު ކުރާށެވެ. އަދި މާލޭ ސްކޫލްތަކުގައި ދަރިވަރުންނަށް ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށް ނިންމާފައިވެ އެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުން ސްކޫލަށް ހާޒިރުވާން ނުޖެހޭ ގޮތަށް ކިޔެވުން ކުރިޔަށް ގެންދާނީ މާލޭ ސްކޫލްތަކުގައި އެކަނިކަމަށެވެ. އެހެން ހުރިހާ ސްކޫލެއްގެ ކިޔެވުން ކުރިއެކޭ އެއްގޮތަށް ކުރިޔަށް ދާނެ ކަމަށް ބުނެފައިވެ އެވެ.
https://twitter.com/MoEdumv/status/1291265285689769984
ކޯވިޑް-19 ފެތުރުން މާލޭގައި އިތުރުވި ނަމަވެސް ސްކޫލް މާހައުލުން ބަލި ޖެހުނު މީހުންގެ އަދަދު ވަރަށް މަދެވެ. މިދިޔަ މަހު ސްކޫލް މާހައުލުން ބަލި ޖެހިފައިވަނީ28 މީހުންނަށެވެ.
ސްކޫލްތަކުގެ ކިޔެވުން އާ އާންމު ހާލަތުގައި މިދިޔަ މަހުގެ އެއް ވަނަ ދުވަހު ފެށީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކަކާއި އެކު އެވެ. އެގޮތުން ސްކޫލަށް ކުދިން ވަންނަ އިރު ފިނިހޫނުމިން ބަލައި، އަތް ދޮވުމުގެ އިތުރުން ސްކޫލް ވަގުތުތަކުގައި އުޅެން ޖެހެނީ މާސްކު އަޅައިގެންނެވެ.
އަދި ސްކޫލްތަކުގައި ކިޔަވައިދެމުން ދަނީ ހަފްތާއަކު ހަތަރު ދުވަހު، ދުވާލަކު ހަތަރު ގަޑި އިރު އެވެ. މާލެ ފިޔަވާ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގްރޭޑް 1-12 އަށް ކިޔަވައިދިން ނަމަވެސް މިދިޔަ މަހު މާލޭގައި ކިޔަވައިދީފައިވަނީ ގްރޭޑް 9-12 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް