ކޮވިޑް19 ގެ ދެވަނަ ރާޅެއްގައި ޖެހި ރާއްޖޭގެ ހާލަތު މިދަނީ ގޯހުން ގޯހަށެވެ. ޕޮޒިޓިވް ކޭސްތައް މި ދަނީ އިތުރުވަމުންނެވެ. ކޮވިޑް19 ގައި ނިޔާވާ މީހުންވެސް ދަނީ އިތުރުވަމުންނެވެ. އެޗްޕީއީގެ ވެބްސައިޓުން ދައްކާގޮތުން އެކްޓިވް ކޭސަސްގެ ގޮތުގައި މިހާރުވެސް 1721 މީހުން އެބަތިއްބެވެ. ކޮވިޑް19 ގައި 19 މީހަކު ވަނީ ނިޔާވެފައެވެ. ކޮވިޑް19 ގެ ނުރައްކަލުގެ ރަނގަބީލުގެ އަޑުދަނީ ގަދަވަމުންނެވެ. އާންމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ވެސް ދަނީ ގިނަވަމުންނެވެ.
އެހެނަސް ކޮވޮޑް19 ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޭޓަށް ބަލާއިރު ދިވެހި ސަރުކާރުގެ އެކަށީގެންވާ ސީރިއަސްކަމެއް ހުރިކަމަކަށް ފެންނަ މަންޒަރުތަކުން ލަފައެއް ނުކުރެވެއެވެ. އެންމެ ފަހުން ވެސް ބޭއްވި ޕްރެސްކޮންފަރެންސްގައި އިއުލާންކުރެވުނު ފިޔަވަޅުތަކަށް ބަލާއިރުވެސް މާ ހަރުދަނާ ފިޔަވަޅުތަކެއް ނުފެނެއެވެ. އާންމުކޮށްވެސް މީހުން ބޭރުގައި ނުއުޅޭ ގަޑިއެއް ކަމަށްވާ ރޭގަނޑު ދިހައަކުން ފަތިހު 5 އަށް ކާފިއު އިއުލާންކުރުމަކީ މާ ހަރުދަނާ ފިޔަވަޅެއް ނޫނެވެ. ދެންވެސް ފެނިގެން ދިޔައީ 'ރެކަމަންޑޭޝަން' ތަކަކީ އެއަށް އަމަލުކުރުން ލާޒިމް ކަންކަމެއް ނޫނެވެ. ތެދެކެވެ. އެޗްޕީއޭ އެކަނި އަދި ސަރުކާރު އެކަނި ކުރާ މަސައްކަތުންވެސް ކޮވިޑް ފެތުރުން ނުހުއްޓެވޭނެއެވެ. އެހެނަސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގެ ގާނޫނީ ޒިންމާ އޮތީ ސަރުކާރުގައެވެ. އެކަން ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ހުނަރާއި ގާބިލުކަން ވެސް އޮތީ ސަރުކާރުގައެވެ. އެކަށީގެންވާ ފިޔަވަޅުތައް ނެއެޅުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިގެންދާ ގެއްލުމުގެ ޒިންމާވެސް ނަގަންޖެހޭނީ ސަރުކާރުންނެވެ.
ދުނިޔޭގެ އެކި ގައުމުތަކުން ކޮވިޑް19 ފެތުރުމާއި ގުޅޭ ގޮތުންއަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު އެންމެ ކާމިޔާބު ފިޔަވަޅަކީ ލޮކްޑައުންކަން އެއްވެސް ޝައްކެތް ނެތް މިންވަރަށް އޮތީ ސާފުވާށެވެ. މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ގައުމުކަމަށްވާ ޗައިނާ އިން ވަނީ އެކަން ސާބިތުކޮށްދީފައެވެ. ފަހަރެއްގައިވެސް މި ދަންނަވަނީ ހަމައެކަނި ލޮކްޑައުންއަކުން ހައްލުކުރެވޭނެ ވާހަކައެއް ނޫނެވެ. އެއާއެކީގައި އެހެން ފިޔަވަޅުތައް ވެސް އަޅަންޖެހެއެވެ. ޓެސްޓް ކުރުން އިތުރުކޮށް ސިއްހީ ހިދުމަތް ފުރިހަމައަށް ދެވޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހެއެވެ. ފަހރެއްގައި ވެސް މި ދަންނަވަނީ އަބަދު ލޮކްޑައުންގައި ބާއްވާ ވާހަކައެއް ނޫނެވެ. ކޭސްތައް މަދުވުމުން ލޮކްޑައުން އުވާލެވިދާނެއެވެ.
މިއަދު ރާއްޖޭން ފެންނަ މަންޒަރަށް ބަލާއިރު ދެވަނަ ރާޅުގެ ބާނިތައް ކިތައްމެ ބޮޑުވެ ނުރައްކާތެރި ވިޔަސް ލޮކްޑައުންއަކަށް ދިއުމުގެ ވިސްނުން ސަރުކާރުގެ ނެތްކަން އެބަ ސާފުވެއެވެ. ހަމަ ގައިމުވެސް ޕްރެސް ކޮންފަރެންސްތަކުގައި ތިޔަ ދައްކާ ވާހަކަތަކުން އަދި އެ ވިސްނުން ނެތްކަން ސާފުވެއެވެ.
އެންމެ ކުޑަމިނުން ދިވެހި ސަރުކާރުން އޮފީސްތައް ބަންދުކޮށްފަ އޮތުން އެންމެ މަދުވެގެން އިތުރު ދެހަފްތާއަށް އިތުރުކުރަންޖެހެއެވެ. ސަބަބު ވަރަށް ސާފެވެ. އެންމެ ބޮޑަށް ކޮވިޑް ފެތުރެނީ އޮފީސް މަހައުލުންކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. ފަހަރެއްގައި މިއުޅެނީ އޮފީސްތައް ބަންދުކޮށް މުވައްޒަފުންނަށް ޗުއްޓީ އެއް ދޭކަށް ނޫނެވެ. ހަގީގަތަކީ އޮފީސް ބަންދުކޮށްފައި ހުއްޓަސް ގޭގައި ތިބެގެން ފުރިހަމައަށް މަސައްކަތް ކުރެވޭ ވަރަށް ޓެކްނޮލަޖީ މިވަނީ ތަރައްގީވެފައެވެ. ކުރަންވީ ކަމަކީ މުވައްޒަފުންނަށް މި އިންތިޒާމުތައް ހަމަޖައްސާ ދިނުމެވެ. ވަސީލަތްތައް ގާއިމުކޮށްދިނުމެވެ. ގޭގައި ތިބެގެން މަސައްކަތްކުރުން ނުވަތަ ވޯކް ފްރޮމް ހޯމްގެ ސަބަބުން އެކަކު އެނެކަކާ ކޮންޓެކްޓްވާވަރު މަދުވާނެއެވެ.
ދިވެހި ވިޔަފާރިވެރިތައް ހުޅުވާފައި ބަހައްޓަން ސަރުކާރުން ބޭނުންނަމަ އެގޮތަށް ބާއްވާށެވެ. ވިޔަފާރިތައް ހުޅުވާފައި ހުއްޓަސް އެ ތަންތަނަށް ނުދާން ބޭނުންވާ މީހާ އަށް ނުގޮސް ހުރެވިދާނެއެވެ. އެހެނަސް އޮފީސް ހުޅުވުމުން ކޮވިޑް 19 އިން ސަލާމަތްވުމަށް އޮފީހަށް ނުގޮސް ހުންނަށް ބޭނުންވާ މީހާ އަށް އެ ފުރުސަތެއް ނެތެވެ. އޮފީސްތަކުގެ މަސައްކަތް ފުރިހަމައަށް ގޭގައި ތިބިގެން ކުރެވިދާނެކަން ބައެއް އޮފީސްތަކުން އެދަނީ ސާބިތުކޮށްދެމުންނެވެ. ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޙިދުމަތްތައް ވެސް އޮންލައިންކޮށް ފޯރުކޮށްދެވިދާނެއެވެ. ބޭނުންވަނީ ރަނގަޅަށް ކަންކަން ކުރާނެ ނިޔަތެކެވެ. ދެން ކުޑަ ކުޑަ ހިތްވަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް