ޒާރާ އަނެއްކާވެސް ލޯމަރާލިއެވެ. ސިކުނޑީގައި އެނބުރެމުންދަނީ އާދިލްގެ ހިޔާލެވެ. އޭނާ އޮންނާނެ ހާލެވެ. އޭނާ ހޭއަރައިފި ބާވައެވެ. ނޫނީ އޭނާ މަރާ ހަނގުރާމަ ކުރަނީ ނޫންބާވައެވެ.........ޒާރާގެ ޚިޔާލީ ސްކްރީނުން މަންޒަރު ސިފަވިއެވެ. އާދިލްގެ ހަށިގަނޑަށް ގުޅާފައިވާ މެޝިނުން ތުނޑުތުނޑަށް އަރަމުންދިޔަ ރޮނގު ސީދާ ރޮނގަކަށް ބަދަލުވިއެވެ. ކުއްލި ހަރަކާތެއް އައުމަށްފަހު އާދިލްގެ ހަށިގަނޑު ހަމަހިމޭންވިއެވެ. ދިގުދެމިގެންދިޔަ ބީޕް އަޑުން މުޅި އައިސީޔޫ ގުގުމާލިއެވެ. ޑޮކްޓަރުން ބޯހޫރާލީ މާޔޫސްކަމާއެކުގައެވެ. ހަށިގަނޑުގެ އެތައްމިތަނަށް ގުޅާފައިވާ ހޮޅިތައް ނައްޓާލީ ގާތުގައި ތިބި ނަރުސްކުދިންނެވެ. ގައިމަތީގައި އަޅާފައިވާ ހުދުފޮތިގަނޑުން އާދިލްގެ މޫނާއެކު ހަށިގަނޑު ނިވާކޮށްލެވުނެވެ. އާދިލް މަރުވީއެވެ..
''ނޫން....'' ޒާރާއަށް ބޭ އިޚްތިޔާރުގައި ބުނެވުނެވެ. އަނގައިން އަޑު ނިކުތުމާއެކު ލޯ ހުޅުވާލެވެ. ޒައިދު އިނީ އޭނާގެ މޫނަށް ބަލާށެވެ. ޒައިދު އެތައް ވަރަކަށް ސުވާލުކުރަން ފެށުމުން، ބޮލަށް އެނބުރުން އެރީ ކަމަށާ، ގުލްދަސްތާ ގައި އަތުންޖެހި ވެއްޓުނީ ކަމަށް ބުނެ ޒާރާ ދިނީ ވަރަށް ކުރު ޖަވާބެކެވެ.
ޒާރާ ބޭނުންވީ އެކަނިވެރި ވަގުތުކޮޅެކެވެ. އޭނާގެ ފޯނު ހަލާކުވެފައިވާތީ އާދިލް އަށް ގުޅާނުލެވޭތާނގައި ރައްޓެއްސަކަށްވެސް ގުޅާލެވޭކަށް ނެތެވެ. އެގޮތުގައި ޒާރާގެ ހިތަށް ތުރާލިބެމުން ދިޔައީ އާދިލްގެ ހާލެއް އޮޅުން ނުފިލާތީއެވެ.
ވަގުތުތައް ފާއިތުވަމުންގޮސް ހަވީރުގެ ވަގުތު ފަހަނައަޅައި އިރުއޮއްސުމާ ގާތްވެއްޖެއެވެ. ޒާރާ ގޮވައިގެން ހޮސްޕިޓަލަށް އައިގޮތަށް ހުންނަންޖެހުމުން ޒައިދު ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އެހެންނަމަވެސް ބައްޕަ އަކީ ބަލިމީހަކަށް ވާތީ މެންދުރެއްހާއިރު ބައްޕަ ގެއަށް ފޮނުވަން މަޖުބޫރު ވީއެވެ. ޒައިދު އޭނާގެ މަންމަ އަށް އެތައްފަހަރަކު ގުޅައިފިއެވެ. ކޮންމެ ފަހަރަކުވެސް ބުނަނީ ކުޑައިރުކޮޅަކުން އެބަ އަންނަ ކަމުގައެވެ. މަންމަ ނާންނަން އެއުޅެނީ ދޮންތަގެ ކަމެއްވީމަކަން ހަމަ ރަނގަޅަށް ޒައިދުއަށް އެނގެއެވެ. ދޮންތަ ބަލިވިޔަސް އަޅާލާ އޯގާތިރިވަނީ ހަމައެކަނި ބައްޕައެވެ. ޒައިދު މިގޮތަށް މިކަން ހިނގާތީ އެކަމާ ވަރަށް ވިސްނައެވެ. ދަރިންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ވާހަކަ އަޑުއިވިފައިވިޔަސް މިފަދަ ތަފާތުކުރުންތަކެއް ހުރެދާނެކަމަށް ޒައިދަށް ގަބޫލެއް ނުކުރެވެއެވެ. އެހެނަސް އަމިއްލައަށް ކުރެވޭ ތަޖުރިބާ ކިތައްމެހާވެސް ހިތްދައްޗެވެ.
ނާޒިމާ ހޮސްޕިޓަލަށް އައީ އިމްރާންވެސް ގޮވައިގެން، އިމްރާނުގެ ކާރުގައެވެ. ޒާރާ އަށް ކާއެއްޗިއްސާ ޒާރާގެ ހެދުމެއްގެ އިތުރުން ރީތިވާ ސާމާނުވެސް ހިފައިގެންނެވެ. އިމްރާން ގާތުގައި ބުނެގެން ޒާރާއަށް މާބޮނޑިއެއްވެސް ގެނުވިއެވެ. ވަގުތަކީ ޒާރާއަށް ނިދިފައި އޮތް ވަގުތެކެވެ.
ވޯޑަށް ވަދެގެން އައި ނާޒިމާއަށް ބެލެނީ ޒައިދުގެ މޫނަށެވެ.
''ދަރިފުޅު ކިހާ ވަރުބަލިވާނެ..... ދެން ދޭ ގެއަށް..... ނުވެސް ނިދާ ތިއުޅެނީ...... ބަލާބަލަ މޫނު ތިޔަހަރީ މިލާފައެއްނު...'' ނާޒިމާ ޒައިދުގެ ބޮލުގައި ފިރުމާލިއެވެ. މަންޒަރު ބަލަންހުރި އިމްރާންނަށް ލިބުނީ ހައިރާން ކަމެކެވެ. ބަލި އެނދުގައި އޮތް ޒާރާގެ މޫނާދިމާލަށް އެންމެ ފަހަރަކުވެސް ނާޒިމާ ބަލާނުލާތީއެވެ. އަދި ޒާރާ އާ ބެހޭގޮތުން އެއްވެސް ސުވާލެއްވެސް ނާޒިމާ ނުކުރާތީއެވެ.
މަންމަގެ ކަންތައްތައް ހުރިގޮތުން ޒައިދު ހިތްހަމަނުޖެހުނަސް އެވަގުތު އެކަން ހާމަކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.
''މަންމާ.... ދޮންތަ އެއޮތީ ނުވެސްކައި..... ގޮވަންވީނު ކާންދޭން.....'' ޒައިދު ޒާރާއަށް އިޝާރާތް ކޮއްލުމުން ނާޒިމާ އަށް ބަލާލެވުނީ ޒާރާގެ މޫނަށެވެ. ގާތުގައި އިމްރާން ހުރިކަން ހަނދާންވީ އެވަގުތުއެވެ.
''އަސްތާ މަގޭ ދަރިފުޅަށް މިޖެހުނީ ކިހާދެރަ ހާލެއް....'' ނާޒިމާގެ އަޑުގައި ވަނީ އިންތިހާ މަޑުމޮޅިކަމެވެ. މޫނުމަތިން ފެނިގެންދިޔައީ ހިތާމައިގެ އަސަރުތަކެވެ. ޒާރާގެ ގާތަށް ގުދުވެ އެ މޫނުގައި ލޯބިން ފިރުމާލީ ކަތި ނަޒަރަކުން އިމްރާން އަށް ބަލާލަމުންނެވެ.
ނާޒިމާގެ އަތް ޒާރާގެ މޫނުގައި ބީހިލުމުން، ފުން ނިދީގެ ތެރެއިން ކުކުރާލެވުނެވެ. ބޮލުގައި އަޅަމުންދާ ވޭނުގެ ސަބަބުން ނިތްކުރިމަތީގައި އަތް ޖައްސާލެވުނެވެ. އެމަންޒަރު ބަލަންހުރި އިމްރާނުގެ ހިތް ރަހުމާ އޯގާތެރިކަމާ ލޯބިން ފުރުނެވެ. ޒާރާގެ ބޮލުގައި ފިރުމާލަދޭން އޭނާގެ ހިތް އެދުނެވެ. ޒާރާއަށް އެހީތެރިކަންދީ އަޅާލާ ލޯބިދޭން އޭނާ ހިތާހިތުން ވައުދުވިއެވެ. އިމްރާންއަށް ހީކުރެވުނުގޮތުގައި ޒާރާގެ މޫނުމަތި މިލާ މޯލިވެފައި އެވަނީ ލިބުނު އަނިޔާގެ ސަބަބުން ލިބެމުންދާ ވޭން ބޮޑުކަމުންނެވެ. އެ ނާޒުކު ހަށިގަނޑަށް އިމްރާން ބަލަން ހުރިއިރު ނާޒިމާގެ ނަޒަރު އުއްޓިފައިވަނީ އިމްރާންގެ މޫނަށް ކަމެއް އޭނާއަކަށް ނޭގެއެވެ.
''އިމްރާން....'' ނާޒިމާ ގޮވާލުމުން އިމްރާން ސިހުނެވެ. އަވަސް އަވަހަށް ހަމަޖެހިލިއެވެ.
''މަންމަ އެބައަންނަން ބޭރަށް ނިކުމެލާފަ.... ޒާރާ ގާތުގަ ދަރިފުޅު މަޑުކޮށްލާ........ ޒައިދުވެސް އެދިޔައީ ގެއަށް.....'' ނާޒިމާ ހިނިތުންވެލިއެވެ.
އިމްރާނަށް ދަރިފުޅުގެ ނަމުން ނާޒިމާ މުޚާތަބުކުރުމުން ކުޑަކޮށް ލަދުގަންނަ ގޮތްވީނަމަވެސް އެކަމާ އޭނާ އުފާކުރިއެވެ. ޒާރާގެ ކައިވެނި އިމްރާނާ ކުރާގޮތަށް ނިންމާފައިވާތީ އެގޮތަށް އޭނާގެ ވާންއުޅޭ މައިދައިތަ މުޚާތަބު ކުރުމަކީ އެންމެ ރުހޭގޮތެވެ. އަދި އަމުދުން ޒާރާވެސް އިމްރާނާ ރުހޭކަން ނާޒިމާގެ ފަރާތުން ވަނީ ކަށަވަރުވެފައެވެ.
ނާޒިމާ ނުކުމެގެން ހިނގައްޖެއެވެ. އިމްރާން ފިޔަވާ ޒާރާގެ ގާތުގައި މިވަގުތު އިތުރު މީހަކު ނެތެވެ. ވޯޑުގައިވެސް ބަލިމީހުން މަދު ވަގުތެކެވެ. ޒާރާ އޮތް އެނދާ ކައިރިން އެއްވެސް ބޮތްކެއް ދިއްލާފައި ނެތަސް އެ މޫނު ރީތިކޮށް ފެނެއެވެ. އިމްރާން ގޮޑީގައި އިށީނދެ ހަމަޖެހިލިއެވެ. ޒާރާގެ މިލާފައިވާ މޫނަށް އޭނާގެ ނަޒަރު ސީދާވެފައިވެއެވެ. އައިވީ ގުޅާފައިވާ އަތް އޮތީ އިމްރާން އާ ނުހަނު ގާތުގައެވެ. އެ އަތުގައި ހިފާލަން އިމްރާން ކިއްމެހާވެސް ބޭނުމެވެ. މުޅި އުމުރަށް އެކީގައި ވުމަށް ވައުދު ވަމުންނެވެ. ދުވަހަކުވެސް އެއަތުން ދޫކޮށް ނުލުމަށް އަހުދު ކަށަވަރު ވަމުންނެވެ.
ޒާރާ ނިދީގައި ފުރޮޅިލާން މަސައްކަތް ކުރުމުގެ ތެރޭގައި އައިވީ ގުޅާފައިވާ އަތް އުފުލާލިއެވެ. ބޭއިޚްތިޔާރުގައި އެއަތުގައި އިމްރާންނަށް ހިފަހައްޓާލެވުނީ ގުޅާފައި އައިވީ ކައްޓަށް ބާރުވެ، ޒާރާއަށް ތަދު ވެދާނެތީއެވެ. އެވަގުތު ޒާރާގެ ލޯ ހުޅުވާލިއެވެ. ގާތުގައި އިނީ ޒައިދުކަމަށް ހީކުރެވުނެވެ.
''ޒައިދު.... މަންމަ ނާދޭތަ..... ކޮބާ ބައްޕަ.....'' ޒާރާ އަށް އިމްރާންގެ އަތުގައި ހިފާލެވުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް