އދ. އޮމަދޫއިން މާލެ ގެނައި މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވި ނަމަވެސް ނަތީޖާ ޔަގީން ކުރުމަށް ހެދި ދެ ވަނަ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެއްޖެ އެވެ.
މިކަން އޮމަދޫ ކައުންސިލުން މީޑިއާގައި ވަނީ ކަށަވަރުކޮށްދީފައި އެވެ. އެ ކައުންސިލުން ބުނީ ދެވަނަ ނަތީޖާ ނެގެޓިވްވުމުން އެޗްޕީއޭއިން އެކަން ކައުންސިލަށް އަންގައި މޮނިޓަރިންގެ ހާލަތުން އެ ރަށް ނަގާފައިވާ ކަމަށެވެ.
އޮމަދޫ މީހާ ޕޮސިޓިވްވުމުން އެޗްޕީއޭގެ އެންގުމަށް އެ ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އިއްޔެއިން ފެށިގެން ދިޔައީ ކުރަމުންނެވެ. އަދި އެރަށަށް މީހުން އަރައި ފޭބުން އިއްޔެ ވަނީ މަނާ ކުރެވިފައި އެވެ.
އުމުރުން 64 އަހަރުގެ އެ އަންހެން މީހާ އަކީ ނޭވާ ހިއްލުމުގެ ބަލި ހުންނަ މީހެކެވެ. އެމީހާ މާލެ ގެނެސްފައިވަނީ އެ އަތޮޅު މަހިބަދޫ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އެވެ.
މާލޭގެ އިތުރުން ހަތް އަތޮޅެއްގެ 11 ރަށެއްގައި ކޯވިޑަށް ޕޮސިޓިވް މީހުން އެބަތިއްބެވެ. އޭގެ ތެރެއިން އެކަކަށް ށ. ފުނަދޫ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި ފަރުވާ ދެމުންދާއިރު އިތުރު މީހަކަށް ފަރުވާ ދެމުންދަނީ ބ. އޭދަފުށީ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެވެ.
ދެން ޕޮސިޓިވް މީހުން ތިބީ އެ މީހުންގެ ރަށްރަށުގައި ކަރަންޓީން ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް