ކްރިމިނަލް ކޯޓައި ހައި ކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.
ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކޯޓުތަކަށް ހޯދަމުން ދަނީ ކޮންމެ ކޯޓަކަށް ފަނޑިޔާރަކު ކަމަށެވެ. ޖޭއެސްސީން ބުނީ އެ ދެ މަގާމަށް ފަނޑިޔާރުން ހޯދަނީ ކުރިން އެ މަގާމުތަކުގައި ތިއްބެވި ފަނޑިޔާރުން މިދިޔަ މަހު އިސްތިއުފާދެއްވުމުން ކަމަށެވެ.
ދެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާ މީހުންނަކީ އުމުރުން 25 އަހަރު ވެފައިވާ މީހުންނަށް ވާން ޖެހޭނެއެވެ.
ދެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތްތަކަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވުމަކީ ޝަރުތެކެވެ. ގާނޫނީ ދާއިރާގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށް ވާންޖެހެ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 48،300 ރުފިޔާ ލިބޭނެއެވެ. ހައިކޯޓުގެ ފަނޑިޔާރަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 54،300 ރުފިޔާ ލިބޭނެއެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ16 ވަނަ ދުވަހެވެ. ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ފުރުމަށް ފަހު ފޮނުވަން ޖެހެނީ ޖޭއެސްސީގެ ރަސްމީ އީމެއިލް އެޑްރެހަށް ([email protected]) އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް