ކޯވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުނަށް އެހީވާން އިންކަމް ސަޕޯޓުގެ ގޮތުގައި 8,488 ފަރާތަކަށް 35 މިލިއަން ރުފިޔާ އަށްވުރެ މަތި އަދަދެއް ދެވިއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާއްމުކުރި އިންކަމް ސްޕޯޓްސް އެލަވަންސް މައުލޫމާތުތައް ދައްކާ ގޮތުގައި މިހާތަނަށް 8,488 ފަރާތަކަށް ފައިސާ ދޫކޮށްފައިވެއެވެ.
ޖޮބް ސެންޓަރު ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އިންކަމް ސްޕޯޓް އެލަވަސް އަކީ ކޯވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުނަށް ސަރުކާރުން މި އަހަރުގެ އެޕްރީލް މަހުން ފެށިގެން ދެމުން އަންނަ އެހީއެކެވެ. ޖޫން މަހާއި ހަމައަށް މި ފައިސާ ވަނީ ސަރުކާރުން ދޫކޮށްފައެވެ.
އެހީ ފޯރުކޮށްދީފައިވަނީ ކޯވިޑް-19 އާ ގުޅިގެން އިގްތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިލީފް ޕެކޭޖުގެ ދަށުން މީހަކަށް 5،000ރ. ގެ މަގުންނެވެ.
ސަރުކާރުން އިންކަމް ސަޕޯޓް ދޫކުރަން ފެށުމާ ގުޅިގެން، ވޯލްޑް ބޭންކުން ވެސް ވަނީ 12.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 197 މިލިއަން ރުފިޔާ) ދޫކުރަން ނިންމާފަ އެވެ. ވޯލްޑް ބޭންކުގެ މި އެހީ ލިބުމާއެކު ވަޒީފާ ގެއްލި ނުވަތަ އަސަރު ކޮށްފައިވާ ގާތްގަނޑަކަށް 13،000 މީހުނަށް އެލަވަންސް ދިނުމުގެ ގާބިލުކަން ލިބިގެން ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް