ޖީޑީޕީގެ ނިސްބަތް 11 ޕަސެންޓް ވެއްޓޭނެ: މިނިސްޓަރު ފައްޔާޒު

ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ 11 ޕަސެންތަށް ވެއްޓޭނެ ކަމަށް ލަފާކުރެވޭކަމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ ޕީއެ...

06 Aug 2020 | 04:29

ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ 11 ޕަސެންތަށް ވެއްޓޭނެ ކަމަށް ލަފާކުރެވޭކަމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރު ޖީޑީޕީ 7.5 ޕަސެންޓް ކުރިއަރާނެ ކަމަށް ކުރިން އަންދާޒާ ކުރެވުނު ނަމަވެސް ކޯވިޑް-19 އާއެކު ދިމާވެފައިވާ ދަތިތަކާއެކު އިގްތިސޯދު މިވަނީ ހުއްޓިފައި ކަމަށެވެ.

މުޅި ދުނިޔެއަށް އިގްތިސޯދީ ހީނަރުކަން އައިސްފައިވާއިރު ރާއްޖެއަށް ކުރާ އަސަރު ބޮޑުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދުނިޔެ ދެކެމުން މިދާ ދަތިކަމަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެއަށް ދިމާވި އިގްތިސޯދީ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އިގްތިސޯދަށް ވަންނަ ފައިސާގެ ބޮޑުބައެއް ފަތުރުވެރިކަމުން ވަންނައިރު ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުވެފައި، އެ ގައުމުތަކުން ފަތުރުވެރިން ނާންނާތީ ޑޮލަރު ލިބުމުގެ ދަތިކަން އޮތްކަންވެސް ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ހުއްޓި އިގްތިސޯދު ދަތި ހާލަތެއްގައި އޮތްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ޖުލައި މަހާ ހަމައަށް މިލިއަނެއްހައި ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި އިރު ކޯވިޑާ ގުޅިގެން ބޯޑަރު ބަންދު ކުރުމާ ހަމައަށް ރާއްޖެ ޒިޔާރަތް ކުރީ 380،000 ފަތުރުވެރިންކަން މިނިސްޓަރު ފާހަގަކުރިއެވެ. އަދި ޖުލައިގައި ބޯޑަރު ހުޅުވާލި ފަހުން 2700 ފަތުރުވެރިއަކު ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު ބޯޑަރު ބަންދު ކުރުމާއި ހަމައަށްވެސް މިދިޔަ އަހަރާ އަޅާބަލާއިރު އެވްރެޖްކޮށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 165،000 ފަތުރުވެރިންކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިއީ ތިން ގުނަ ދަށްވުމެކެވެ.

މިއީ ދުވަހަކުވެސް ރާއްޖެ ކުރިމަތިނުލާވަރުގެ އިގްތިސޯދީ ބޮޑު ދަތިކަމެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މި ދަތިކަމުން އަރައިގަތުމަށް އޮތް ގޮންޖެހުމަކީ ކޯވިޑަކީ ކިހިނެއް ވާ ބައްޔެއްކަން އަދިވެސް ނޭނގުންކަން ކމިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޯވިޑް-19 ގެ ދެވަނަ ރާޅެއް ރާއްޖެއަށް ބިންދާލާފައިވާއިރު ރާއްޖޭގެ ހާލަތަށް ވަމުންދާގޮތް ސާފު ނޫން ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވެކްސިނެއް ލިބެންދެން ދަތިކޮށް އޮތްކަމަށް ފެންނަކަން ފާހަގަކޮށް މިނިސްޓަރު ފައްޔާޒް ވިދާޅުވީ ކުރިން ތިބި ހާލަތަށް ދާން ވަގުތު ނަގާނެ ކަމަށާއި ކުރިއަށް އޮތް ހައެއްކަން އަށެއްކަ މަސް ދަތިވާނެ ކަމަށެވެ. ނޯމަލް އަކަށް ދެވޭނީ މަޑުމަޑުން ކަމަށެވެ. އަދި ރަނގަޅު ހިސާބަކަށް ދެވޭޏީ ދޮޅު އަހަރުވާއިރު ކަމުގައިވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް