ކޯވިޑް-19 ރައްކާތެރިވުމަށް މާލޭ ސިޓީގެ އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރި ކުރިތާ ފަސް ދުވަސް ތެރޭގައި 150 އަށްވުރެ ގިނަ މީހުން ގަވައިދާ ހިލާފުވެގެން ޖޫރިމަނާ ކޮށްފި އެވެ.
އެޗްއީއޯސީން މައުލޫމާތު ދޭގޮތުގައި މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އާންމު ތަންތަނުގައި މާސްކު ނާޅާ އުޅުނު 151 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި 986 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ.
އާންމު ތަންތަނުގައި މާސްކު ނާޅާ މީހުން ޖޫރިމަނާ ކުރަން ޖެހޭ އަދަދު އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރު ވަމުންނެވެ. އެގޮތުން އިއްޔެ 19 މީހަކު ޖޫރިމަނާ ކުރި އިރު 120 މީހަކަށް ނަސޭހަތް ދީފައިވެ އެވެ.
މާލޭ ސިޓީގެ އާންމުތަންތަނުގައި މާސްކު ނާޅާ ނަމަ 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.
މާލޭގެ އިތުރުން ޕޮސިޓިވް ކޭސްތައް ހުރި ރަށްރަށާއި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާއިރު ދަތުރު މަތީގައި މާސްކު އެޅުން މިހާރު މަޖުބޫރެވެ. އަދި އާންމު ހާލަތުގައި ހުރި ރަށްރަށުގައިވެސް އާންމު ތަންތަނުގައި މާސްކު އެޅުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.
މިހާތަނަށް ކޯވިޑަށް 4،500 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވާއިރު މިދިޔަ މަހުން ފެށިގެން ޕޮސިޓިވްވާ މީހުންގެ އަދަދު ވަނީ ކުއްލިއަކަށް އިތުރުވެފައި އެވެ. އެހެންވެ ކޯވިޑާއި ގުޅިގެން އަމަލު ކުރަން ފެށި އާ އާންމު ހާލަތުގައި ދީފައިވާ ބައެއް ލުއިތަކަށް ބަދަލު ގެނެސް ހަރުކަށިކުރަން ވަނީ ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް