އެތައް ބާވަތަކުން ޑިއުޓީ ކުޑަކޮށް ޑިއުޓީ މާފުކޮށްފައިވާއިރު އެއް ޕަސެންޓް ރެވެނިއު ޗާނެއް ނެގުމަކީ ތާއީދުކުރާ ކަމެއް: ޓްރޭޑް ޔޫނިއަން

އިމްޕޯޓް ކުރާ އެތައް ބާވަތެއްގެ މުދަލުން ޑިއުޓީ ކުޑަކޮށް، އަދި ކޯވިޑް-19 ގެ މި ހާލަތުގައި އެތައް ބާވަތެއްގެ މުދަލުން ޑިއުޓީ މާފުކޮށްފައިވާއިރު އެއް ޕަސެންޓު ރެވެނިއު ޗާޖެއް ނެގުމަކީ ތާއީދުކުރާ ކަމެއް ...

06 Aug 2020 | 02:48

އިމްޕޯޓް ކުރާ އެތައް ބާވަތެއްގެ މުދަލުން ޑިއުޓީ ކުޑަކޮށް، އަދި ކޯވިޑް-19 ގެ މި ހާލަތުގައި އެތައް ބާވަތެއްގެ މުދަލުން ޑިއުޓީ މާފުކޮށްފައިވާއިރު އެއް ޕަސެންޓު ރެވެނިއު ޗާޖެއް ނެގުމަކީ ތާއީދުކުރާ ކަމެއް ކަމުގައި މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން ބުނެފިއެވެ.

އެ ޔޫނިއަން އިން މިހެން ބުނެފައިވަނީ އިމްޕޯޓް ރެވެނިއު ސްޓޭމްޕްގެ އެއް ޕަސެންޓް އިތުރު ޗާޖެއް ނެގުމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި މުޅި ދުނިޔެއަށް ދިމާވެފައިވާ އިގްތިސާދީ މި ނާޒުކު ދަނޑިވަޅުގައި، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން ހީނަރުވެ އާމްދަނީ ލިބެމުން އައި ހުރިހާ ވަސީލަތްތަކެއް މުޅިންހެން ހުއްޓިފައިވާ މި ނާޒުކު ވަގުތުގައި ދިވެހި ދައުލަތުގެ ހިންގުން ދެމިއޮތުމަށްޓަކައި، ދައުލަތަށް އާމްދަނީ ލިބެންޖެހޭކަމަށް އެ ޔޫނިއަން އިން ދެކެއެވެ.

" މި ނާޒުކު ވަގުތުގައިވެސް ވަރަށް ގިނަ ބާވަތްތަކުން ޑިއުޓީ ކުޑަކޮށް ބައެއް އައިޓަމްތަކުން ޑިއުޓީ މައާފުކުރި ކުރުން މި ޔޫނިއަން އިން ބަލައިގަންނަމެވެ. އެހެންކަމުން އިގްތިސާދީ މި ހާލަތުން އަރައިގަނެވެންދެން 1% ރެވެނިއު ޗާޖެއް އިމްޕޯޓް މުދަލުގެ ޑިކްލެއަރ ކުރާ އަގުން ދައުލަތަށް ނެގުމަކީ، އެކަމަށް މި ޔޫނިއަން އިން ތާއީދުކުރާ ކަމެކެވެ." އެ ޔޫނިއަންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޝިޕިން އޭޖެންސީތަކާއި ލޯކަލް ފޯވަރޑުން ދިވެހި އިމްޕޯޓަރުން އަތުން އެކި ނަންނަމުގައި ނަގަމުންދާ ނާޖާއިޒު ފައިސާ ނެގުން ހުއްޓުވުމަށް ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އެ ޔޫނިއަން އިން މަރުހަބާ ކިޔާފައިވެއވެ. އަދި އެ ފިޔަވަޅުތައް ވީހާވެސް އަވަހަށް ތަންފީޒު ކުރުމަށް ގޮވާލާފައިވެއެވެ.

" މި ޔޫނިއަންއިން އަބަދުވެސް ކަންބޮޑުވުން ފާޅުކުރާ ފަދައިން، މި ނާޒުކު އިގްތިސާދީ ހާލަތުން އަރައިގަތުމަށްޓަކައި ދައުލަތުގެ ހިންގުމުގެ ހަރަދު ވީހާވެސް ކުޑަކޮށް ކަރަޕްޝަނަށް ފަހިވާގޮތަށް ހުރި ކަންކަމަށް އަވަސް ހައްލެއް ލިބެންޖެހެއެވެ. އަދި ދިވެހިރއްޖޭގެ އުފެއްދުންތެރިކަން އެންމެ ސިނާއަތަކަށް ބަރޯސާވެފައި އޮތުމުގެ ބަދަލުގައި ތަފާތު އިންޑަސްޓްރީތަކަށް މަގުފަހިވެފައިވާ އިގްތިސާދީ މެކޭނިޒަމެއް އަވަސް ގޮތަކަށް ވުޖޫދު ވާންޖެހޭކަމަށް މި ޔޫނިއަންއިން ދެކޭތީވެ، އެކަމަށް މަގުފަހިވާ ގޮތަށް ދިވެހި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރުމަށް މި ޔޫނިއަންއިން އިލްތިމާސް ކުރަމެވެ." މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ޔޫނިއަން އިން އިތުރަށް ބުނެފައިވާގޮތުގައި މި ނާޒުކު ދަނޑިވަޅުގައި އިގްތިސާދީ މި ހާލަތުން އަރައިގަތުމަށް، ދިވެހި ސަރުކާރުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް، އެ ޔޫނިއަން އިން ތައްޔާރަށް އޮތްކަމުގެ ޔަގީންކަން އެ ޔޫނިއަން އިން އަރުވައެވެ. ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ނާޒުކު އިގްތިސާދަށް އަންނަމުންދާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ ހަރުދަނާ މަސައްކަތަށް އެ ޔޫނިއަން އިން ވަރަށް ބޮޑަށް ތާއީދުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް