ނުރައްކަލުގެ އިންޒާރެއް: މުޅި ދުނިޔޭންވެސް މައިކްރޯ ޕްލާސްޓިކްސް އެންމެ ގިނަ ގައުމަކަށް ރާއްޖެ !

މައިކްރޯ ޕްލާސްޓިކްސްގެ ގޮތުގައި ބަލަނީ ފަސް މިލި މީޓަރަށްވުރެ ދިގު ނޫން ޕްލާސްޓިކް ކުންޏަށެވެ. ޕްލާސްޓިކްގެ ކުދި ކުދި އެތިކޮޅަށެވެ. ކޮތަޅާއި ފުޅި ފުޅީގެ ބައި ބައިން މިފަދަ މައިކްރޯ ޕްލާސްޓިކް، ކަނޑާއ...

06 Aug 2020 | 02:21

މައިކްރޯ ޕްލާސްޓިކްސްގެ ގޮތުގައި ބަލަނީ ފަސް މިލި މީޓަރަށްވުރެ ދިގު ނޫން ޕްލާސްޓިކް ކުންޏަށެވެ. ޕްލާސްޓިކްގެ ކުދި ކުދި އެތިކޮޅަށެވެ. ކޮތަޅާއި ފުޅި ފުޅީގެ ބައި ބައިން މިފަދަ މައިކްރޯ ޕްލާސްޓިކް، ކަނޑާއި އެއްގަމުގައި އުފެދެއެވެ.

ދިރާސާތަކުގެ މައުލޫމާތު ގެނެސްދޭ phys.org އިން ބުނެފައިވާގޮތުގައި އޮސްޓްރޭލިޔާގެ ފްލައިންޑާސް ޔުނިވާސިޓީން ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާފައިވާގޮތުގައި މުޅި ދުނިޔޭންވެސް މައިކްރޯ ޕްލާސްޓިކް އެންމެ ގިނަ އެއް ގައުމަކަށް ރާއްޖެ މިވަނީ ވެފައެވެ.

އެގޮތުން އެ ދިރާސާގެ ނަތީޖާ ހާމަކޮށްފައިވާއިރު ބުނެފައިވާގޮތުގައި ކިލޯއަކުން 55 އާއި 1127.5 އާއި ދެމެދުގެ މައިކްރޯ ޕްލާސްޓިކްސް ފެނިފައިވެއެވެ. މިއީ އެންމެ އާބާދީ ބޮޑު އެއް ސަހަރު ކަމުގައިވާ އިންޑިއާގެ ތަމިލް ނާޑޫއާއި އަޅާ ބަލާއިރު ވަރަށްވެސް ބޮޑު އަދަދެއް ކަން އެ އޮގަނައިޒޭޝަނުން ފާހަގަކޮށްފައިވެއެވެ. ތަމިލްނާޑޫގައި ހުރިކަމަށް ބުނެފައިވަނީ ކިލޯއަކުން 3 އާއި 611 އާއި ދެމެދުގެ މައިކްރޯ ޕްލާސްޓިކްސް ކަމަށެވެ.

މި ދިރާސާ ކުރުމަށް ޅ. ނައިފަރުގެ 22 ސަރަހައްދަކުން ވެލި ނަގައި ތަހުލީލު ކޮށްފައިވާކަމަށާއި އަދި ދިރާސާ އިތުރަށް ވަރުގަދަ ކުރުމަށް ރާއްޖޭގެ އެހެން ސަރަހައްދުތަކުންވެސް ސާމްޕަލް ނަގާ ތަހުލީލުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

މި ދިރާސާ ކުރުމުގައި ބައިވެރިވި ލީޑް ރިސާޗަރ ޓޯބީ ޕައްޓީ ބުނެފައިވާގޮތުގައި ބިމުގެ ސަރަހައްދުގެ އިތުރުން ނައިފަރުވެ ވަށައިގެންވާ މޫދުގެ ސަރަހައްދުގައިވެސް މައިކްރޯޕްލާސްޓިކް ވަރަށް ގިނަކަން މި ދިރާސާއިން ފާހަގަކުރެވިފައިވެއެވެ.

މި ދިރާސާގައި ފާހަގަކޮށްފައިވާގޮތުގައި ރާއްޖެއިން މައިގަނޑުގޮތެއްގައި ފެންނަ މައިކްރޯ ޕްލާސްޓިކް ކުނޑީގެ ދިގުމިނުގައި ހަތަރު މިލިމީޓަރުވެސް ނުހުރެއެވެ. އެހެން ކަމުން އަދި ރާއްޖޭގައި މައިކްރޯ ޕްލާސްޓިކް ޕޮލިއުސަންގެ މިންވަރުގެ ބޮޑުކަމުގެ ނަތީޖާއެއްގެ ގޮތުން ފަރުތަކުގެ ދިރުންތަކާއި އާއްމު ފަރުދުންގެ ސިއްހަތަށްވެސް ނުރައްކާ އެބަ އޮތްކަން އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

މިކަމުގެ މައިގަނޑު ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ އޮޔާއެކު އެހެން ގައުމުތަކުން ރާއްޖެ ސަރަހައްދަށް އަންނަ ޕްލާސްޓިކު ކުންޏާއި ރާއްޖެއިން ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ކުންޏެވެ. އަދި ފެނާއި ނަރުދަމާގެ ނިޒާމުތަކުގެ ފެންވަރު ދަށްކަމާއި ބިންހިއްކުމުގައި ގެންގުޅޭ ދޯހަޅި ސިޔާސަތު ތަކަކީ މި މައްސަލަ އިތުރަށް ގޯސްކުރާ ކަންކަން ކަމުގައި އެ ދިރާސާގައި ފާޙަގަކޮށްފައިވެއެވެ.

ރާއްޖޭގައި ކުނި އުފެދޭ މިންވަރު ހުރީ ވަރަށް މަތީގައިކަން ފާހަކޮށް އަދި މައިކްރޯ ޕްލާސްޓިކް ރާއްޖޭގައި އިންތިހާއަށް ގިނަކަން ފާހަގަކޮށް މިއީ ރާއްޖޭގެ ފަރުތަކަށާއި އާއްމު ފަރުދުންގެ ސިއްހަތަށް ހުރި ބޮޑު ނުރައްކަލެއްކަން ތަކުރާރުކޮށް އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

އެ ޔުނިވާސިޓީން ވަނީ މި ދިރާސާގެ ދެވަނަ ބައެއްވެސް ކުރިއަށް ގެންދަން ނިންމާފައެވެ. އެގޮތުން ރާއްޖޭގެ ފަރުތަކުން ފެންނަ މަސް މަހުގެ ބަނޑުގައި މައިކްރޯ ޕްލާސްޓިކްސް ހިމެނޭ މިންވަރު އެ ދިރާސާއިން ދެނެގަނެވޭނެ ކަމުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް