އަލުން ބޯޑަރު ހުޅުވި ފަހުން ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން ފުރަތަމަ ފަހަރަށް ކޯވިޑް-19 އަށް މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ޕޮސިޓިވްވެފައިވަނީ އިނގިރޭސިވިލާތުގެ ޓޫރިސްޓެއް ކަމަށެވެ. އޭނާ ޕޮސިޓިވްވެފައިވަނީ ޗުއްޓީ ނިންމުމަށް ފަހު އެނބުރި ގައުމަށް ދިއުމުގެ ކުރިން ޓެސްޓު ކުރި އިރު އެވެ.
ޑރ، ނަޒްލާ ވިދާޅުވީ އެމީހާ ޕޮސިޓިވްވުމާއި ގުޅިގެން އޭނާ އާއި އެކު ރާއްޖެ އައިސް އުޅޭ އާއިލާގެ އެހެން މީހުން ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މިއީ ޕޮސިޓީވްވި ފުރަތަމަ ޓޫރިސްޓު ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން ރިސޯޓަކުން ޕޮސިޓިވް ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވަނީ ރިސޯޓެއްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފެއްގެ ކޭސްއެއް ކަމަށެވެ.
ރާއްޖެ އަންނަ ޓޫރިސްޓުން ސިއްހީ މައުލޫމާތާއި ގުޅޭ ހެލްތް ޑެކްލަރޭޝަން ފޯމް އޮންލައިންކޮށް ފުރަން ޖެހެ އެވެ. ކޯވިޑްގެ އަލާމާތްތައް ހުރި ނަމަވެސް ކޯވިޑަށް ޕޮސިޓީވްނޫން ކޮންމެ މީހަކަށް ރާއްޖެ އެތެރެ ވެވޭނެ އެވެ.
ރާއްޖެ އަންނަ އިރު އަލާމާތް ހުންނަ ނަމަ އެއާޕޯޓުގައި އައިސޮލޭޓް ކުރުމަށް ފަހު ރިސޯޓަށް ދެވޭނީ ކޯވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް