ފޮޓޯތަކުން ފެންނަނީ މިނިސްޓަރުގެ ކޮޓަރިކޮޅެއް ނޫން، ކޮންފަރެންސް ހޯލެއް: ހެލްތް

ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އެމިނިސްޓްރީގއި ބޭނުންކުރައްވާ ކޮޓަރިކޮޅުކަމަށްބުނެ ދައުރުކުރާ ފޮޓޯތަކުން ފެންނަނީ އެކޮޓަރިކޮޅު ނޫންކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަ...

05 Aug 2020 | 19:17

ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އެމިނިސްޓްރީގއި ބޭނުންކުރައްވާ ކޮޓަރިކޮޅުކަމަށްބުނެ ދައުރުކުރާ ފޮޓޯތަކުން ފެންނަނީ އެކޮޓަރިކޮޅު ނޫންކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުގެ ކޮޓަރިކޮޅުގެ ކުރެހުން ތަކެއްކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާ ގުޅިގެން ހެލްތު މިނިސްޓްރީން މިރޭ މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެފޮޓޯތަކުން ފެންނަނީ އެމިނިސްޓްރީގެ ކޮންފަރެންސް ރޫމްކަމަށެވެ. އެ ކޮންފަރެންސް ރޫމްގައި މިނިސްޓްރީގެ އިވެންޓްތައް ބޭއްވުމުގެ އިތުރުން އެހެން ފަރާތްތަކުގެ އިވެންޓްތައް ބޭއްވުމަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށެވެ.

އަދި އެތަން ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ ޚަރަދުކުރުމަށް ނިންމާފައިވަނީ ޢާންމު ސިއްޙަތުގެ ދާއިރާއިން މަސައްކަތްކުރުމަށް ކަމަށާ، އެފައިސާ ހެލްތު ފަންޑަށް ޖަމާކުރުމަށް ނިންމާފައިވާކަމަށްވެސް ހެލްތު މިނިސްޓްރީން މައުލޫމާތުދެ އެވެ.

ހެލްތު މިނިސްޓަރުގެ ކޮޓަރިކޮޅުކަމަށް ބުނެ ދައުރުވާ ފޮޓޯތަކުން ފެންނަ ހެލްތު މިނިސްޓްރީގެ ކޮންފަރެންސް ރޫމަށް ނަންދީފައިވަނީ "މޫމިނާ ޙަލީމް މާލަމް"ގެ ނަމުންނެވެ. އެއީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ހެލްތު މިނިސްޓަރަށް ނިސްބަތްކުރައްވައެވެ.

މި ކޮންފަރެންސް ހޯލާއި ގުޅޭގޮތުން އިތުރު މައުލޫމާތު ދެމުން ހެލްތް މިނިސްޓްރީގެ މީޑިއާ ސެކްޝަނުން ބުނީ މިނިސްޓަރުގެ ކޮޓަރިކޮޅު ހުންނާނީ އެ މިނިސްޓްރީގެ އަށްވަނަ ބުރީގައި ކަމަށާއި މި ކޮންފަރެންސް ހޯލް ހަދާފައިވާނީ އިމާރާތުގެ ނުވަ ވަނަ ބުރީގައި ކަމަށެވެ. ކޮންފަރެންސް ހޯލުގެ މަސައްކަތް ފެށީ 2019 ވަނަ އަހަރު ކަމަށްވެސް ބުނެ އެވެ.

މިފަދަ ތަނެއް ހެދުމުގެ ބޭނުންތަކުގެ ތެރޭގައި ހެލްތު މިނިސްޓްރީއަކީ ގިނަ އިވެންޓްތަކެއް ބާއްވާ ތަނަކަށްވެފައި، އެފަދަ އިވެންޓްތައް އެމިނިސްޓްރީން ބޭއްވުމަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭތީ، އެޚަރަދުތައް ކުޑަކުރުމުގެ ބޭނުމުގައިކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. މިކަމުން އިވެންޓްތައް ބާއްވަން ކުރާ ހޭދަ ވަރަށް ބޮޑުތަން ކުޑަވެގެން ދާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް