ހިއުމަން ޓްރެފިކިންގެ މައްސަލައިގަ މެންބަރު ރިޒާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި އެވެ. ފުލުހުންގެ އިދާރާއަށް ރިޒާ ހާޒިރުކޮށްފައިވާއިރު ބ. އަތޮޅުގައި ރިސޯޓު ތަރައްގީ ކުރަމުންދާ ބޮޑުފިނޮޅުގައި އޭނާގެ ކުންފުނި ރި...

06 Jul 2020 | 18:46

މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި އެވެ.

ފުލުހުންގެ އިދާރާއަށް ރިޒާ ހާޒިރުކޮށްފައިވާއިރު ބ. އަތޮޅުގައި ރިސޯޓު ތަރައްގީ ކުރަމުންދާ ބޮޑުފިނޮޅުގައި އޭނާގެ ކުންފުނި ރިޒް އިން ގެންގުޅުނު ބިދޭސީންތަކަކަށް މުސާރަ ނުދީގެން އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ ދިވެހިންތަކެއް ރަހީނު ކުރި މައްސަލަ ވަނީ ވަރަށް ބޮޑުވެފައި އެވެ. ފުލުހުން ގަދަކަމުން އެ ރަށަށް އަރައި ދިވެހިން ސަލާމަތް ކުރި އިރު އެ ބިދޭސީން ރިޒާގެ ކުންފުނިން ގެންގުޅެފައިވަނީ ގާނޫނާއި ގަވައިދާ ހިލާފަށް ކަމަށް ފުލުހުން ބުނެ އެވެ.

މިރޭ ފުލުހުން ބުނީ އެ މައްސަލައިގަ ސާފުކުރަންޖެހޭ މައުލޫމާތުތައް ހޯދުމަށް މެމްބަރު ރިޒާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކުރިކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެ އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ރިޒް ކުންފުނީގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ތުހުމަތު ކުރެވޭ ކަމަށެވެ. ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކައި މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

މި މައްސަލައިގަ ފުލުހުން އެ ކުންފުންޏަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެ ކުރުން ހިމެނެ އެވެ. ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ އިތުރު ބިދޭސީން ރާއްޖޭގެ އެކި ރަށްރަށުން ހޯދައި އެމީހުންނާއި އެ ކުންފުނިން ހަވާލުވުން ފުލުހުން ފާހަގަ ކުރެ އެވެ.

ފުލުހުން ބުނީ ގާނޫނާއި ގަވައިދާ ހިލާފަށް މަޖުބޫރު ކުރުވައިގެން މުސާރަ ނުދީ ބިދޭސީން ލައްވައި މަސައްކަތް ކުރުވާފައިވާ ކަމަށެވެ. މުސާރަ ނުދީގެން އަޑުގަދަ ކުރި ބިދޭސީންނަށް ބިރު ދައްކައި، ވަޒީފާއިން ވަކިކޮށް މާލެ ގެނެސް ދޫކޮށްލުން ވެސް ފުލުހުން ފާހަގަ ކުރެ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދަނީ ފުލުހުންގެ ހިއުމަން ޓްރެފިކިންގެ ޑިޕާޓްމަންޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް