ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެފައި. ކުޑަކުދިންނާއި މެދު ސަމާލުވޭ: ފުލުހުން

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މި ދުވަސްވަރު އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ ކުޑަކުދިން ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މިދުވަސްވަރު އިތުރުވ...

06 Jul 2020 | 11:13

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މި ދުވަސްވަރު އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ކުޑަކުދިން ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މިދުވަސްވަރު އިތުރުވެފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެންވެ މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ހާއްސަ ސަމާލުކަމެއް ދީ ކުދިންގެ ރައްކާތެރިކަމަށް ފަރުވާތެރިވުމަށް ފުލުހުން އެދިފައިވެ އެވެ.

ފުލުހުން ބުނީ ޖިންސީ ގޯނާގެ އެއްވެސް މައްސަލައެއް ރިޕޯޓު ކުރުމަށް ފަސްޖެހިގެން ނުވާނެ ކަމަށެވެ. އެގޮތުން މިފަދަ އެއްވެސް މައްސަލައެއްގެ މަޢުލޫމާތު ލިބިއްޖެނަމަ އެކަން ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ ޖެންޑާ މިނިސްޓްރީގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުމަށް އެދިފައިވެ އެވެ.

މީގެ އިތުރުން ފުލުހުން ވަނީ މިފަދަ މައްސަލަތައް މީޑިއާގައި ރިޕޯޓު ކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނަގޮތަށް ހަބަރު ހެދުމަށް މީޑިއާއަށް އިލްތިމާސްކޮށްފައި އެވެ.

މިފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރިޕޯޓުކުރުން ވަނީ އިތުރުވެފައި އެވެ. އޭގެ ތެރެއިން ދެ ކޭސްއެއްގައި 18 އަހަރު ނުވާ ދެ ކުދިން ރޭޕް ކުރުމުން ބަލިވެ އިނދެފައިވާކަމަށް ކަމަށްވެސް ފުލުހުން ބުނެ އެވެ. ބަލިވެ އިން ދެ ކުދިންގެ ތެރެއިން އެއްކުއްޖަކީ ނުކުޅެދޭ ކުއްޖެކެވެ.

ފުލުހުންނަށް ހުށަހެޅުނު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ތެރޭގައި އެއްޖިންސުން ގޯނާ ކުރުމުގެ މައްސަލަތައްވެސް ހިމެނެ އެވެ. އިއްޔެ ވަނީ ކޯޓު އަމުރެއްގެ ދަށުން ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ފިރިހެން ކައުންސިލަރަކު ހައްޔަރުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް