މެންބަރު ރިޒާގެ ރިޒް ކުންފުންޏަށް ހިއުމަން ޓްރެފިކިންގެ ބޮޑެތި ތުހުމަތުތަކެއް!

ބ. އަތޮޅުގައި ރިސޯޓު ތަރައްގީ ކުރަމުންދާ ބޮޑުފިނޮޅުގައި ބިދޭސީ މުވައްޒަފުންގެ ހައްގުތައް ގެއްލޭގޮތަށް މަޖުބޫރުން މަސައްކަތް ކުރުވިކަމަށް ތުހުމަތުކޮށް އާރު.އައި.އެކްސް (ރިޒް) ކުންފުންޏާއި ދެކޮޅަށް ހިއު...

06 Jul 2020 | 08:43

ބ. އަތޮޅުގައި ރިސޯޓު ތަރައްގީ ކުރަމުންދާ ބޮޑުފިނޮޅުގައި ބިދޭސީ މުވައްޒަފުންގެ ހައްގުތައް ގެއްލޭގޮތަށް މަޖުބޫރުން މަސައްކަތް ކުރުވިކަމަށް ތުހުމަތުކޮށް އާރު.އައި.އެކްސް (ރިޒް) ކުންފުންޏާއި ދެކޮޅަށް ހިއުމަން ޓްރެފިކިންގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ރިޒް ކުންފުންޏަކީ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުންޏެކެވެ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީން މުޒާހަރާކޮށް 13 ދިވެއްސަކު ރަހީނު ކުރީ ރިޒް ކުންފުނިން އެމީހުންނަަށް ދޭން ޖެހޭ މުސާރަ ނުދޭތާ ހަތަރު މަސްވުމުން ކަމަށްވެ އެވެ.

މި މައްސަލައިގަ މިއަދު ފުލުހުން ބުނީ ރިޒް ކުންފުނީގެ މައްޗަށް ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކައި މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ އެ ކުންފުނިން ވަނީ ހިއުމަން ޓްރެފިކިންގެ ބޮޑެތި އަމަލުތަކެއް ހިންގާފައި ކަމަށެވެ. އޭގެ ތެރޭގައި

-- ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެ ކުރުން

-- ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ އިތުރު ބިދޭސީން ރާއްޖޭގެ އެކި ރަށްރަށުން ހޯދައި އެމީހުންނާއި އެ ކުންފުނިން ހަވާލުވުން

-- ގާނޫނާއި ގަވައިދާ ހިލާފަށް މަޖުބޫރު ކުރުވައިގެން މުސާރަ ނުދީ ބިދޭސީން ލައްވައި މަސައްކަތް ކުރުވުން

-- މުސާރަ ނުދީގެން އަޑުގަދަ ކުރި ބިދޭސީންނަށް ބިރު ދައްކައި، ވަޒީފާއިން ވަކިކޮށް މާލެ ގެނެސް ދޫކޮށްލުން ހިމެނެ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދަނީ ފުލުހުންގެ ހިއުމަން ޓްރެފިކިންގެ ޑިޕާޓްމަންޓުންނެވެ.

މެންބަރު ރިޒާ މީޑިއާގައި ވިދާޅުވެފައިވަނީ އެމީހުންނަށް މުސާރަ ނުދީ އޮންނާނީ ކޯވިޑާއި ގުޅިގެން މިދިޔަ ހަތަރު މަހު އެކަނިކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް