ކޯވިޑް-19 ގައި މަރުވާ މީހުން މިދިޔަ ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ކުއްލިއަކަށް އިތުރުވެފައިވާތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ހަތަރު މީހަކު ވަނީ ކޯވިޑްގައި މަރުވެފައި އެވެ. އަދި ކެންސަރު ބަލީގައި މަރުވި މީހަކުވެސް ޓެސްޓު ކުރި އިރު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި ދެ ބިދޭސީ އެކެވެ. މީގެ ތެރެއިން ކެންސަރު ބަލީގައި މަރުވީ މީހާ ކޯވިޑަށް ޕޮސިޓިވްވިޔަސް އެމީހާ ކޯވިޑް ޖެހިގެން މަރުވި މީހުންގެ ލިސްޓުގައި ހިމަނާފައެއް ނުވެ އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިފަހަކަށް އައިސް ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ އަދަދާއި މަރުވާ މީހުން އިތުރުވެފައިވާތީ ބަލީގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މައުމޫން ވިދާޅުވީ ކަމާ ގުޅުން ހުރި އިދާރާތަކުން އާ ފިޔަވަޅުތަކެއް ވައިރަސް އާއި ދެކޮޅަށް އަޅަން ޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. މައުމޫންގެ ޓުވީޓުގައި ވަނީ ރައީސް އޮފީހާއި އެޗްޕީއޭ ޓެގު ކުރައްވާފައި އެވެ.
https://twitter.com/maumoonagayoom/status/1280027885768568832
ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު 30 ން މައްޗަށް ނުދާތާ ދެތިން ހަފްތާ ވެފައިވާއިރު އިއްޔެ ވަނީ 33 މީހަކު ބައްޔަށް ޕޮސިޓިވްވެފައި އެވެ. އެކަމަކު އެޗްޕީއޭއިން ބުނެފައިވާގޮތޮތުގައި ކޮންމެ ދުވަހަކު ޕޮސިޓިވްވާ މީހުންގެ އަދަދު 50 އަށްވުރެ މަތި ނުވާނަމަ އެއީ ކޮންޓްރޯލް އަދަދެކެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް މިމަހުން ފެށިގެން ވަނީ ބޮޑެތި ލުއިތަކެއް ދީފައި އެވެ.
މިހާތަނަށް ކޯވިޑަށް ރާއްޖެއިން 2،468 މީހަކު ޕޮސިޓިވްވެފައިވެ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 2،049 މީހަކު ވަނީ ރަނގަޅުވެފައި އެވެ.
މި ބަލީގައި 12 މީހަކު މަރުވެފައިވެ އެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ފަސް ބިދޭސީންނާއި ހަތް ދިވެހިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް