ކޯވިޑް-19 އާއި ގުޅިގެން މާލޭ ސަރަހައްދުގައި އިއުލާނުކޮށްފައިވާ މި ފުރަބަންދާއި ގުޅިގެން ރަށަށް ނުދެވި ތާށިވެފައިވާ ފަރާތްތައް ރަށަށް ގެންގޮސް ކަރަންޓީނުކުރާނެ ގޮތުގެ އުސޫލު އެކުލަވާލައި ހާމަކޮށްފިއެވެ.
އެގޮތުން މި އުސޫލުގައި ބުނެފައިވާގޮތުގައި މާލޭގައި ފުރަބަންދުވެފައިވާ މީހުން ރަށަށް އެނބުރި ދިއުމުގެ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސާނީ ސަރުކާރުންނެވެ. އަދި ރަށް ރަށަށް ގެންދާނީ ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ނެތް ފަރާތެއް ކަމުގައި ވާންވާނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.
އުސޫލުގައި ބުނެފައިވާގޮތުގައި ރަށަށް ދާ ފަރާތުން ކަރަންޓީނުކުރާ ގޭގައި ހައި ރިސްކް ކެޓަގަރީއަށް ފެތޭ އެއްވެސް މީހަކު އުޅެގެން ނުވާނެއެވެ. ހައި ރިސްކު ކެޓަގަރީއަކީ 60 އަހަރުން މަތީގެ މީހުންނާއި ބޮޑެތި ބަލިތައް ތަހަންމަލުކުރާ މީހުންނާއި ދާއިމީ ބަލިތަކަށް ބޭސް ކާ މީހުންނެވެ.
މި އުސޫލުގައި ބުނެފައިވާގޮތުގައި ރަށަށް ގޮސް 24 ދުވަހު ކަރަންޓީނުވާން ޖެހެއެވެ. އަދި ކަރަންޓީނުން ދޫކޮށްލާނީ ޓެސްޓް ކުރުމަށްފަހު ނަތީޖާ ނެގަޓިވް ވުމުން ކަމުގައިވެސް ބުނެފައިވެއެވެ.
ކަރަންޓީނުވާ މީހާ، ކަރަންޓީނު ކުރާ ދުވަހުން ފެށިގެން އެމީހަކު ކަރަންޓީނުކޮށްފައިވާ މުއްދަތު ހަމަނުވަނީސް ބޭރުން އެއްވެސް މީހަކު އެ ގެއަކަށް ގޮސްގެން ނުވާނެ ކަމަށާއި އަދި އެގެއިން މީހަކުވެސް އެ މުއްދަތުގައި ބޭރަށް ގޮސްގެން ނުވާނެ ކަމަށް މި އުސޫލުގައި ބުނެފައިވެއެވެ. އަދި ކަރަންޓީނުވާ މީހާއަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އާއިލާގެ ވަކި މީހަކު ނުވަތަ ރަހުމަތްތެރިއަކު ކަނޑައެޅިދާނެ ކަމަށާއި އެފަދަ އެހީތެރިކަމެއް ލިބެން ނެތްނަމަ ރަށުގެ ޓާސްކްފޯހުގެ އެހީތެރިކަން ހޯދިދާނެ ކަމަށްވެސް މި އުސޫލުގައި ބުނެފައިވެއެވެ.
މި އުސޫލު މިއަދު ގެޒެޓުކޮށްފައިވާއިރު މި އުސޫލަށް މިއަދުން ފެށިގެން އަމަލުކުރާނެއެވެ. އަދި ގުޅުންހުރި އިތުރު މައުލޫމާތުތައް ގުޅުންހުރި މުއައްސަސާތަކާއި އިދާރާތަކުން ކުރިއަށް އޮތް ހަފްތާގައި ހާމަކުރާނެ ކަމުގައި ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް