ކާށިދޫގައި އަމިއްލަ ހަރަދުގައި "ޖާބިރު އެއާޕޯޓް" އެޅުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އެމަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާގޮތަށް ކާށިދޫގައި އަމިއްލަ ހަރަދުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ވަރަށް ބާރަށް ފައްޓަވައިފިއެވެ. އެގޮތުން އެމަނިކުފާނު ކާ...

06 Jun 2020 | 14:28

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އެމަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާގޮތަށް ކާށިދޫގައި އަމިއްލަ ހަރަދުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ވަރަށް ބާރަށް ފައްޓަވައިފިއެވެ.

އެގޮތުން އެމަނިކުފާނު ކާށިދޫގެ ރައްޔިތުންނަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައިވަނީ ކާށިދޫގައި އެއާޕޯޓެއް އެޅުމަކީ އެމަނިކުފާނުގެ ކެމްޕޭނުގެ ވަރަށް މުހިންމު ވައުދެއް ކަމަށާއި ހަމަ އެހެންމެ ކާށިދޫ ކުޑަބޮޑު އެންމެހާ ލޮބުވެތި ރައްޔިތުންގެ ހުވަފެނެއް ކަމަށެވެ.

"ކާށިދޫގައި އެއާޕޯޓެއް އެޅިގެންދިއުމަކީ ކާށިދޫ ތަރައްޤީ އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއް، އެހެންކަމުން، މިކަމުގައި މަޝްވަރާތައް މިހާރުވާނީ ސަރުކާރުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކާއެކު ކުރިއަށް ގެންދެވިފައި" ޖާބިރުގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ވަނީ މަޝްވަރާ ކުރެވިފައި ކަމަށާއި އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފައިވާއިރު ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަމަށް އެއްބާރުލުން ދެއްވާނެކަމުގެޔަގީންކަން އެމަނިކުފާނަށް އަރުވާފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

"ވީމާ އަޅުގަނޑުގެ އަމިއްލަ ހަރަދުގައި ކާށިދޫގައި "ޖާބިރު އެއާޕޯޓް"ގެ ނަމުގައި ޕްރައިވެޓް ޖެޓް ޖެއްސޭ ފެންވަރަށް އެއާޕޯޓެއް ތަރައްގީކޮށް، އެތަން ހިންގުމަށް ވަނީ ނިންމާފައެވެ. މި ޕްރޮޖެކްޓްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މި ދާއިރާގެ އެންމެ ތަޖުރިބާކާރު އެއްބޭފުޅެއް ކަމުގައިވާ އަހުމަދު މަހުރީން ވަނީ ހަމަޖައްސާފައެވެ." އެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

އެ ސިޓީފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ ކާށިދޫގެ ލޭންޑް ޔޫސް ޕްލޭންގައި އެއާޕޯޓް އެޅުމަށް ކަނޑައަޅާފައިވާ ބިން އެމަނިކުފާނާ ހަވާލުކޮށް ރުށްގަހުގެ ބަދަލު ކަންކަން ހަމަޖެއްސުމަށް ވާނީ ކައުންސިލްގައި ދަންނަވާފައި ކަމަށާއި، ކައުންސިލްގެ ފަރާތުން މިކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވަމުންގެންދަވާކަމަށްޓަކައި ކައުންސިލްގެ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވާކަމަށެވެ. އަދި މިކަމުގައި ކާށިދޫގެ އެންމެހައި ރައްޔިތުންގެ އެއްބާރުލުން އަޅުގަނަޑަށް ބޭނުންވާނެކަމުގައިވެސް ޖާބިރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް