ތިމާވެއްޓަށް ގެއްލުން ވަމުންދާ ކަމަށް ބުނެ އަޑުގަދަވެފައިވާ ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލެވެން ނެތް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއަކީ އިގްތިސޯދަށް މުހިންމު ޕްރޮޖެކްޓެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުން ގަބޫލު ކުރާގޮތުގައި ވިޔަފާރި ބަނދަރުގެ މަސައްކަތް ގުޅީފަޅަން ބަދަލު ކުރެވިގެން ނޫނީ ދިވެހިރާއްޖޭގައި މުދާ އެތެރެކޮށް ބޭރު ކުރުމަށް މިއޮންނަ ދޮރާށި އިތުރަށް ތަރައްގީ ކުރެވެން ނެތް ކަމަށެވެ.
އަސްލަމް ވިދާޅުވީ އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ފެށުމާ އެކު ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި އެކަމަކު އެ ޕްރޮޖެކްޓް ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ އެ މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ވަމުން ނުދާ ކަމަށެވެ. އަދި މަސައްކަތް ހުއްޓުވަން އަންގާނީ މަސައްކަތް ކުރިއަށްދާއިރު އީޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑާ ހިލާފު ވެއްޖެ ނަމަ ކަމަށެވެ.
އެ މަޝްރޫއާއި ގުޅިގެން ފިޔަވަޅެއް އަޅަންޖެހޭ ހިސާބަކީ މިހާރު އެކުލަވާލާފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިހުރި އިމްޕެކްޓްތަކާއި އޭގެ މިޓިގޭޝަން މެޝާސްތައް ނަގައިގެން އެކަން ކުރާއިރުގައި އެއަށް އިޔާދަނުކުރެވޭ ފަދަ ގެއްލުންތައް ލިބެމުން ދާކަމަށް ދިރާސާ ކޮށްގެން ފާހަގަކުރެވުމުން ކަމަށް ނައީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތިމާވެއްޓަށް ގެއްލުން ލިބޭކަމަށް ނިންމުމަކީ ލޮލަށް ފެންނަ ފެނުމަކަށް ނިންމޭނެ ކަންކަމެއް ނޫން ކަމަށެވެ.
އިތުރަށް ވިދާޅުވީ މިހާތަނަށް ގުޅީފަޅު މަޝްރޫއު ހުއްޓާ ފަދަ ހާލަކަތަށް މަސައްކަތް ގޮސްފައި ނުވާ ކަމަށެވެ.
ގުޅީފަޅު މަޝްރޫއާއި ގުޅިގެން ވިލިމާލޭ ފަރު ހަލާކުވެ ފަޅަށް ކިސަޑު އެޅެމުންދާ ކަމަށް ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލާ ޖަމިއްޔާތަކުން ދަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް