"ނިއު ނޯމަލް" ގައި ކިޔަވައިދޭން ފަށާއިރު ސްކޫލްތަކަށް ބޭނުންވާ ތާމޯމީޓަރު ހޯދަން އިއުލާނުކޮށްފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮންނަތާ ތިން މަހާއި ގާތްވެފައިވާއިރު އަލުން ސްކޫލްތައް ފެށުމުގެ ތައްޔާރީތައް ވަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިިވެ އެވެ. ނިއު ނޯމަލްގައި ސްކޫލްތައް ފަށާނީ ދަރިވަރުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ތައްޔާރީ ހާލަތަށް ގެނެވުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.
އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ "ޑިޖިޓަލް އައިއާރު ތާމޯމީޓަރު" ހޯދަން އިއުލާނުކޮށްފައި އެވެ. 500 ތާމޯމީޓަރު ހޯދަން އިއުލާނުކޮށްފައިވާއިރު މިއީ ހުރިހާ ސްކޫލްތަކަށް ބޭނުން ކުރުމަށް ހޯދާ އެއްޗެހި ކަމަށް ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށެވެ.
މި ޕްރޮޖެކްޓަށް ޝައުގުރިވާ ފަރާތްތަކުން https://bit.ly/2Y3cevP މި ލިންކު މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހެ އެވެ. އެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.
ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ރުފިޔާ ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާތާ 30 ދުވަސް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މައުލޫމާތު [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ އެވެ.
މިދިޔަ ހަފްތާގައި އެ މިނިސްޓްރީން ވަނީ ސްކޫލްތައް ފެށުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން 1،275 އަތްދޮންނަ ސައިބޯނި ފުޅި ހޯދަން އިއުލާނުކޮށްފައި އެވެ. އެ މިނިސްޓްރީން ބުނީ ނިއު ނޯމަލްގައި ސްކޫލްތައް ފަށާއިރު ހުރިހާ ކުދިން ސްކޫލަށް ވައްދާނީ ޓެމްޕަރޭޗާ ބަލައި ސާފްތާހިރު ކަމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ފަހު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް