އިންޑިއާގެ އެކި ސިޓީތަކުގައި ރާއްޖެ ނާދެވި ތާށިވެފައި ތިބި ދިވެހިން ގެންނަން މޯލްޑިވިއަންގެ ޗާޓާޑް ފްލައިޓެއް ބާއްވަން ނިންމައިފި އެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އިންޑިއާގެ ނުވަ ސިޓީއެއްގައި ތިބި މީހުންނަށް މި ދަތުރުގައި ރާއްޖެ އައުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ. މި ދަތުރުގައި200 ދިވެހިންނަށް ރާއްޖެ އައުމުގެ ފުރުސަތު ދޭނެ އެވެ.
މަބްރޫކް ވިދާޅުވި މި ދަތުރުގައި ރާއްޖެ އައުމުގެ ފުރުސަތު ދިނުމުގައި އިސްކަން ދޭނީ ބޭސް ފަރުވާއަށް ގޮސް ނާދެވިފައި ތިބި މީހުންނަށާއި، އެކަހެރިކޮށް އޮންނަ ކުދި އަދި ދުރު ސިޓީތަކުގައި ތިބި ދިވެހިންގެ އިތުރުން ކުރު މުއްދަތަކަށް އިންޑިއާއަށް ގޮސް ލޮކްޑައުން އާއި ހެދި ނާދެވި ތާށިވެފައި ތިބި މީހުންނަށެވެ. މި ދަތުރުގައި ރާއްޖެ އަންނަން ބޭނުންވާ މީހުން ޓިކެޓު ނަގަން ޖެހެނީ އަމިއްލަ ހަރަދުގައި އެވެ.
މި ފްލައިޓު ބާއްވަން ހަމަޖައްސާފައިވާ ތާރީހު އަދި އިއުލާނެއް ނުކުރެ އެވެ. މި ފްލައިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެއިން އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށެވެ. އަދި ނިއުދިއްލީއިން ޓްރިވެންޑްރަމްއަށެވެ. ޓްރިވެންޑްރަމްއިން އެ ފްލައިޓު އަންނާނީ މާލެ އެވެ.
މި ދަތުރުގައި ރާއްޖެ އަންނަ އެންމެން ފުރަތަމަ ޖެހޭނީ14 ދުވަހުގެ ކަރަންޓީން މުއްދަތު ސަރުކާރުން ކަނޑައަޅާ ފެސިލިޓީތަކުގައި ފުރިހަމަ ކުރާށެވެ.
އިންޑިއާގެ ބޮޑެތި ސިޓީތަކުގެ ތެރެއިން ޗެންނާއީ އަދި ބެންގަލޫރު ފަދަ ސިޓީތަކުގައި ބޭސް ފަރުވާއަށް ގޮސް ނާދެވިފައި ތިބި މީހުން އެބަތިއްބެވެ. އެމީހުންނަށް ސަރުކާރުން ދަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މީގެ ކުރިންވެސް ބޭސްފަރުވާއަށް ގޮސް ނާދެވި ތާށިވެފަ ތިބި ދިވެހިން ގެންނަން އިންޑިއާގެ ބެންގަލޫރާއި، ޓްރިވެންޑްރަމް އަދި ކޮޗިންއަށް މޯލްޑިވިއަންއިން ވަނި ޗާޓާޑް ފްލައިޓުތައް ބާއްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް