ކޯވިޑް-19 އާއި ގުޅިގެން އާންމުންނަށް ދިމާވަމުންދާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ދާއިރާގެ ރައްޔިތުންނަށް ކެއާ ޕެކޭޖު ބަހައިފި އެވެ.
އުޝާމްގެ ފަރާތްޕުޅުން ބެހި ތަކެތީގެ ތެރޭގައި އާންމު ދިރިއުޅުމުގައި ކެއުމަށް ބޭނުންވާ ސާމާނު ހިމެނެ އެވެ. އަދި ކޮންމެ ގެއަކަށް ބާސްމަތީ ހަނޑޫ ބަސްތާއެއް ބަހާފައިވެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އުޝާމް ވިދާޅުވީ ކެއާ ޕެކޭޖު ބަހާފައިވަނީ ވިލިމާލޭގައި ސިޓީ ކައުންސިލުން ގާއިމްކޮށްފައިވާ އައިސީޕީގައި އެހީތެރިކަމަށް ބޭނުންވެގެން އެދިފައިވާ އާއިލާތަކަށް ކަމަށެވެ. އެގޮތުން އެ ތަނުން މައުލޫމާތު ހޯދައި އެހީތެރިކަމަށް އެދިފައިވާ 23 އާއިލާއަކަށް ކެއާ ޕެކޭޖު ފޯރުކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މެންބަރު އުޝާމް ގެންދަވަނީ އެހެން ފަރާތްތަކުން ވިލިމާލޭ ރައްޔިތުންނަށް ބަހަން ގެންދާ ތަކެތި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން ބެހި ކަދުރާއި ޔުނިސެފުން ބެހި ކެއާ ޕެކޭޖުތައް ވިލިމާލޭ ގޭގެއަށް ބެހުމަށް ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސައިދީފައިވަނީ އުޝާމް އެވެ.
މިއީ ކޯވިޑް-19 އާއި ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ މި ދަތި އުނދަގޫ ދަނޑިވަޅުގައި މެންބަރެއްގެ ފަރާތުން ދާއިރާގެ ރައްޔިތުންނަށް ކެއާ ޕެކޭޖު ބަހަން ފެށި ފުރަތަމަ ފަހަރެވެ. އުޝާމް ވިލިމާލޭ ދާއިރާއަށް އިންތިހާބުވެފައިވަނީ އަމިއްލަ ގޮތުން ވާދަކޮށްގެންނެވެ.
ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރެން ފެށުމާއި އެކު މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ގިނަ ބަޔަކަށް ވަނީ ޒަރޫރީ ތަކެތި ހޯދުމުގައި ދަތި އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައި އެވެ.
މިހާތަނަށް ރާއްޖެއިން573 މީހަކަށް ކޯވިޑް ޖެހިފައިވާއިރު އެޗްޕީއޭއިން ލަފާ ކުރާގޮތުގައި ކުރިޔަށް އޮތް ދެ ހަފްތާއެއްހާ ދުވަހަކީ މާލެއިން ގިނަ ބަޔަކު ބައްޔަށް ޕޮސިޓިވް ވާނެ ދުވަސް ކޮޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް