މިއަހަރުގެ ފިތުރު ޒަކާތް މާލެ އިން މިހާތަނަށް15،000 އަށްވުރެ ގިނަ މީހުން ދައްކާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މާލެ ސަރަހައްދު ކޯވިޑް-19 އާއި ގުޅިގެން ލޮކްޑައުން ކޮށްފައިވާތީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުން މިއަހަރު ފިތުރު ޒަކާތް ދައްކަން ޖެހެނީ އޮންލައިންކޮށެވެ. އަދި މިއަހަރު މާލެ ސަރަހައްދުގައި ގޮވާމުން ޒަކާތް ބަލައި ނުގަންނަ ގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައި އެވެ.
އެ މިނިސްޓްރީން މީޑިއާގައި ބުނީ އިއްޔެގެ ނިޔަލަށް މާލެ ސަރަހައްދުން 15،947 މީހުން އޮންލައިންކޮށް ޒަކާތް ދައްކާފައިވާ ކަމަށެވެ. އަދި ޒަކާތުގެ ގޮތުގައި އެމީހުން 6،90،172 ރުފިޔާ ދައްކާފައިވާ ކަމަށެވެ.
ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ މިމަހުގެ18 ވަނަ ދުވަހުގެ ނިޔަލަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މާލޭގެ ހާލަތަށް އޭގެ ކުރިން ބަދަލެއް އައިސް ލޮކްޑައުން އުވާލައިފި ނަމަ އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަނެ ގޮވާމުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.
މާލޭގައި ދިރާގާއި އުރީދޫ، އަދި ބީއެމްއެލް އާއި އިސްލާމިކް ބޭންކް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.
މާލެ ސަރަހައްދުގައި އޮންލައިންކޮށް ޒަކާތް ބަލައިިގަތަސް އަތޮޅު ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ކައުންސިލްތަކުން ބޭނުން ގޮތަކަށް ކުރިޔަށް ގެންދިއުމަށް ވަނީ ދޫކޮށްލާފައި އެވެ. އެ ގޮތަށް މިނިސްޓްރީން އެންގުމުން ގިނަ ރަށްރަށުގައި ވެސް ހަމަޖައްސާފައިވަނީ އޮންލައިންކޮށް ކައުންސިލްތަކުގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްގެން ޒަކާތް ބަލައިގެންނަ ގޮތަށެވެ.
މިއަހަރު ފިތުރު ޒަކާތް ބެހުމަށް ހަމަޖައްސާފައިވަނީ މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ފަގީރުންނަށް ހައްގުވާ ޒަކާތުގެ މިންވަރު އެމީހުންނާއި ހަވާލު ކުރާނީ އެކައުންޓަށް ޖަމާކޮށްދީގެންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިވަގުތު ރާއްޖޭގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ތިބީ 8764 މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ދަފްތަރުގައި ތިބި 1،717 މީހަކާއި އަތޮޅުތަކުން ރަޖިސްޓްރީކޮށްފައި ތިބި 7،047 މީހުން ނެވެ.
ފިތުރު ޒަކާތް ދެއްކުމަކީ ކޮންމެ މުސްލިމަކަށް ވާޖިބު ކަމެކެވެ. އަތޮޅު ތެރޭގައި ޒަކާތް ބަހާނީ އެ ރަށަކަށް ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ އެ ރަށެއްގައި ރަޖިސްޓްރީކޮށްފައި ތިބި ފަގީރުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް