ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެ ނާދެވިގެން އުޅޭއިރު މާލެ އަކީ މި ދުވަސްވަރު އައުން ރައްކާތެރި ތަނެއް ނޫން ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން އެކި ގައުމުތަކުގައި ތަށިވެފައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަންގެ ޗާޓާޑް ފްލައިޓިތަކެއް ބާއްވާފައިވެ އެވެ. އެކަމަކު އާންމުންގެ މެދުގައި ބަލި ފެތުރެން ފެށިފަހުން އެފަދަ ދަތުރުތައް ބޭއްވުން ހުއްޓާލުމާއި ގުޅިގެން ގިނަ ބައެއްގެ ހިތްހަމަ ނުޖެހުން ސަރުކާރަށް އަމާޒު ކުރަމުންދާއިރު ބުނަމުންދަނީ ދައުލަތުގެ ވެރިންގެ އާއިލާގެ ބޭފުޅުން ރާއްޖެ ގެނެސް ނިމުމުން އެ ދަތުރުތައް ހުއްޓާލީ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މާލޭގައި ހަލުވިކަމާއި ވައިރަސް ފެތުރެމުންދަނިކޮށް ރާއްޖެ އައުމަކީ ރައްކާތެރިކަމެއް ނޫންކަމަށެވެ. އަދި ކުރިޔަށް އޮތް ދެ ހަފްތާއަކީ ޑޮކްޓަރުންގެ ހިސާބުތަކުން މާލެއިން ގިނަ އަދަދެއްގެ ޕޮސިޓިވް ކޭސްތަކެއް ފެންނާނެ ދުވަސްތަކަށް ވާތީ ގިނަ ބަޔަކު ރާއްޖެ އައުމަށް މަސައްކަތް ކުރުމަކީ ރައްކާތެރިކަމުގެ ގޮތުން ކުރަން ރަނގަޅު ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނެވޭނީ ކަރަންޓީން ފެސިލިޓީތަކުގެ ޖާގައަށް ބަލައިގެން ކަމަށެވެ. އެކަމަކު ކުރިޔަށް އޮތް ދެ ހަފްތާއަކީ ޕީކަކަށް ހިނގައިދާނެ ކަމަށް ޑޮކްޓަރުން ލަފާ ކުރައްވާ ދުވަސްކޮޅަކަށް ވުމުން ގިނަ އަދަދެއްގެ ބަޔަކު ކަރަންޓީން ފެސިލިޓީތަކަށް ގެންދަން ޖެހޭތީ ބޭރުން މީހުން ގެނެވެން ނެތް ކަމަށެވެ.
މިހާރު ކަރަންޓީންނާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ދެ ހާހާއި ގާތް ކުރާ އަދަދަކަށް މީހުން އެބަތިއްބެވެ. ސަރުކާރުން ކަރަންޓީން ފެސިލިޓީތައް ގާއިމް ކޮށްފައިވަނި ރިސޯޓުތަކުގައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް573 މީހަކު ވަނީ ޕޮސިޓިވް ވެފައި އެވެ. އަދި އެކަކު ވަނީ މި ބަލީގައި މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް