މަނަދޫ މީހާއަށް ކޯވިޑް ޖެހިފައި ހުރިތޯ ބަލަން ތިން ފަހަރު ޓެސްޓު ކުރަން ޖެހިއްޖެ

ނ. މަނަދޫއިން ކޯވިޑަށް ޕޮސިޓިވްވި މީހާއަށް ބަލި ޖެހިފައިވޭތޯ ބަލަން ތިން ފަހަރު ޓެސްޓު ކުރަން ޖެހިއްޖެ އެވެ. އެ އަންހެން މީހާ ފުރަތަމަ މާލެ ގެނައީ ބަނޑުގައި ރިއްސާތީ އިތުރު ފަރުވާ ބޭނުންވާތީ އެވެ. އެމ...

06 May 2020 | 07:11

ނ. މަނަދޫއިން ކޯވިޑަށް ޕޮސިޓިވްވި މީހާއަށް ބަލި ޖެހިފައިވޭތޯ ބަލަން ތިން ފަހަރު ޓެސްޓު ކުރަން ޖެހިއްޖެ އެވެ.

އެ އަންހެން މީހާ ފުރަތަމަ މާލެ ގެނައީ ބަނޑުގައި ރިއްސާތީ އިތުރު ފަރުވާ ބޭނުންވާތީ އެވެ. އެމީހާ ކޯވިޑަށް ޓެސްޓު ކުރީ އައިޖީއެމްއެޗްގައި އެޑްމިޓް ކުރާ އެންމެން ކޯވިޑަށް ޓެސްޓު ކުރާ އުސޫލުގެ ތެރެއިންނެވެ. އެމީހާ ފުރަތަމަ ފަހަރު ކޯވިޑަށް ޕޮސިޓިވްކަން އެނގުނީ ފަރުވާ ދިނީ އެހެން ބައްޔަކަށް ވާތީ ފަރުވާއަށް ފަހު ގެއަށް ދޫކޮށްލުމުން ގޮސް މާލޭގެ ގެސްޓު ހައުސްއެއްގައި ހުއްޓައެވެ.

މީގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޕޮސިޓިވްވުމުން އެމީހާ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސޮލޭޝަން ވޯޑުގައި އެޑްމިޓް ކުރުމަށް ފަހު ހެދި ދެވަނަ ޓެސްޓު ކޯވިޑަށް ނެގެޓިވް ވެފައިވާ ކަމަށެވެ. އެހެންވެ ނަތީޖާ ޔަގީން ކުރުމަށް ތިން ވަނަ ފަހަރު އޭނާ ޓެސްޓު ކުރީ ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވި އެވެ.

ތިން ވަނަ ޓެސްޓުން އެމީހާ ވަނި އަނެއްކާވެސް ކޯވިޑަށް ޕޮސިޓިވްވެފައި އެވެ. މަބްރޫކް ވިދާޅުވީ ތިން ވަނަ ފަހަރުން އެމީހާ އަނެއްކާވެސް ޕޮސިޓިވް ކަމަށް ދެއްކިއަސް އެއީ އާ ކޭސްއެއް ނޫން ކަމަށެވެ. އެއީ އެމީހާ ފުރަތަމަ ޕޮސިޓިވް ވުމާއި އެކު ބަލި ޖެހުނު މީހުންގެ ލިސްޓުގައި އެމީހާ ހިމަނާފައިވާތީ އެވެ.

އެމީހާ ޕޮސިޓިވްވުމުން މަނަދޫ އަތޮޅު ހޮޮސްޕިޓަލްގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ގޮތަށް، ސިއްހީ ދާއިރާގެ15 މީހަކު ވަނީ އައިސޮލޭޝަންގައި ތިބެން އަންގާފައި އެވެ. އަދި އެމީހާ އާއި ގުޅުން ހުރި މީހުން ހޯދުމަށް މަނަދޫގައި ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ ކަންކަން ކުރިޔަށް އެބަދެ އެވެ.

އެ ރަށް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.

މާލެ ފިޔަވާ އަތޮޅު ތެރެއިން ކޯވިޑަށް މީހުން ޕޮސިޓިވް ވެފައިވަނީ ހއ. ތަކަންދޫ، އުލިގަމު، ށ. ނަރުދޫ، މިލަންދޫ އަދި މަނަދޫ އާއި ކ. ތުލުސްދޫ އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް