ކަދުރަށް މިހާތަނަށް ވީގޮތާއި ދެން ވާނެގޮތް އިސްލާމިކް މިނިސްޓްރީން ބުނެދީފި

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ ރައްޔިތުންނަށް ސައޫދީ ސަރުކާރުން ހަދިޔާކުރި ކަދުރަށް މިހާތަނަށް ވެފައިވާގޮތާއި ދެން ވާން ހުރި ގޮތް މިނިސްޓްރީ އޮފް އިސްލާމިކް އެ...

06 May 2020 | 02:10

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ ރައްޔިތުންނަށް ސައޫދީ ސަރުކާރުން ހަދިޔާކުރި ކަދުރަށް މިހާތަނަށް ވެފައިވާގޮތާއި ދެން ވާން ހުރި ގޮތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ.

އެގޮތުން އެ މިނިސްޓްރީން ރޭގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސައޫދީން ހަދިޔާކުރީ 50 މެޓްރިކް ޓަނުގެ ކަދުރު ކަމަށެވެ. އެއީ ޕެކެޓެއްގައި ދެ ކިލޯގްރާމްހުންނަ ވަރުގެ 25 ހާސް ޕެކެޓު ކަމަށެވެ. އަދި އެ 25 ހާސް ޕެކެޓުން ސައުދީ އެމްބަސީން 500 ޕެކެޓު ނެގުމަށްފަހު ބާކީ 24500 ޕެކެޓު ބަހަން ހަވާލުކުރެވުނީ އެ މިނިސްޓްރީއާ ކަމަށް ބުނެފައިވެއެވެ.

"ބަހާނެ އުސޫލު ވާނީ 14 އޭޕްރީލްގައި އެކުލަވާލައި ޝާއިޢުކޮށްފައި، އެ އުސޫލުގެ ދަށުން ބަހާނީ ރާއްޖޭގެ ހުރިހާ ސިޓީތަކާއި ހުރިހާ އަތޮޅުތަކުގެ ރަށްރަށުގައި މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދު ބަލާ ހާޒިރުވާ ތަރުތީބުން ކަމުގައިވާނީ ބުނެފައި، އަދި ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ޖުމްލަ 2350 ގޭބިސީގެ ތެރެއިން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރު ދޭ އުސޫލުން ކަމަށްވެސް ވާނީ ބުނެފައި" މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގައި 63،102 ގޭބިސީ ހުރިކަމށް ތަފާސްހިސާބުތަކުން ދައްކާއިރު ސައުދީން ދީފައިވާ ކަދުރުގެ އަދަދު މަދުކަމުން ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއް ނުދެވޭނެ ކަމަށެވެ. ފަގީރުންނަށް ބެހުމަށްފަހު ކޮންމެ 100 ގޭބިސީއަކަށް 33 ޕެކެޓް ކަދުރު ދިނުމަށް ވަނީ ނިންމާފައި ކަމަށް ބުނެފައިވެއެވެ. (މި ހިސާބުން ބަލާއިރު އެއީ ކޮންމެ ގެއަކަށް ކަދުރު ޕެކެޓެއްގެ، ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައެވެ.)

މި އުސޫލުގެ ދަށުން ކައުންސިލްތަކަށް ކަދުރު ހަވާލުކުރެވުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން އަންނަ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން 78 ރަށަކަށް 9567 ޕެކެޓު ކަދުރު މިހާރު ވަނީ ހަވާލުކުރެވިފައި ކަމަށާއި 103 ރަށަކުން ކަދުރު ބަލާ އަދި މީހަކު ނުފޮނުވާކަމަށްވެސް ބުނެފައިވެއެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބެހުމަށް 1881 ޕެކެޓް ކަދުރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފައިވާނެ ކަމުގައިވެސް ބުނެފައިވެއެވެ.

"މާލޭ ސިޓީއަށް ބެހުމަށް 2903 ޕެކެޓް ކަދުރު ވާނީ ބަހައްޓާފައި، ކޯވިޑް-19ގެ މި ހާލަތުގައި މާލޭ ސިޓީގައި ކަދުރު ބަހާނެ ގޮތަކާއިމެދު ސިޓީ ކައުންސިލާ މިދަނީ މަޝްވަރާ ކުރަމުން" މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން މާލެ އަދި ވިލިމާލޭގައި ދިރިއުޅޭ 426، ފަގީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށް ޔޫތު މިނިސްޓްރީ އާއި ހަވާޅުކުރެވުނު ކަމަށާއި އިތުރު އެއްވެސް ކަދުރެއް އެ މިނިސްޓްރީއާއި ހަވާލުކޮށްފައި ނުވާނެކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، ކޯވިޑް19 ގެ މި ހާލަތަށް ރިއާޔަތްކޮށް، މި ހާލަތުގައި އެކަހެރިކޮށްފައިވާ ފަރާތްތައް ތިބޭ ފެސިލިޓީތަކަށް ކަދުރު ދިނުމަކީ މުހިންމުކަމެއް ކަމަށް އެ މިނިސްޓްރީން ދެކޭތީވެ، މި މަހުގެ 11 ވަނަ ދުވަގެ ހަވީރު 5:00ގެ ކުރިން ކަދުރުބަލާ ނާންނަ ރަށްތަކަށް ނިސްބަތްވާ ކަދުރު އެ ފެސިލިޓީތަކަށް ދިނުމަށް ނިންމާފައިވާކަމުގައިވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް