ކޯވިޑް-19ގެ މި ހާލަތުގައި އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް އަނބުރާ ރަށަށް ފޮނުވުމުގައި އިސްކަންދޭނެ އުސޫލާއި ތަރުތީބު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ހާމަކޮށްފިއެވެ.
އެގޮތުން އެ މިނިސްޓްރީން ބުނެފައިވަނީ މިކަމުގައި އަމަލުކުރާނެ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮޖީޖަރ (އެސްއޯޕީ) ނުވަތަ އުސޫލެއް މިހާރު މިވަނީ އެކުލަވާލާފައި ކަމަށާއި އެފަދަ ފަރާތްތައް ރަށަށް ފޮނުވުމުގައި އިސްކަންދޭނެ ތަރުތީބުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަނިވި ކަންތައްތައް ކަމަށެވެ.
އެގޮތުން އިސްކަންދޭ ތަރުތީބަކީ
އާސަންދަ ނުވަތަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީ (އެން.އެސް.ޕީ.އޭ) ގެ އެހީތެރިކަމާއި އެކު ބޭސްފަރުވާއަށް މާލެ އައިސް އެނބުރި ރަށަށް ނުފުރިފައިވާ ފަރާތްތައް.
ޢުމުރުން 5 (ފަހެއް) އަހަރުން ދަށުގެ ކުދިންނާއެކު ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ފަރާތްތައް އަދި ވިހެއުމަށް މާލެ އައިސްފައިވާ އަންހެނުންނާއި، އެފަރާތްތަކުގެ ޢާއިލާގެ މީހުން.
ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ޢުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުންމަތީ ބަލިމީހުންނާއި އެމީހުން ބަލަހައްޓާ ފަރާތްތައް.
ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އެހީތެރިންނާއި، ނަފްސާނީ ބައްޔަށް ފަރުވާކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ވަގުތީ ގޮތުން މާލެ އައިސް އަނބުރާ ދިރިއުޅޭ ރަށަށް ނުދެވިފައިވާ ފަރާތްތައް.
ބޭސް ފަރުވާއަށް ނުވަތަ އެހެނިހެން ބޭނުންތަކަށް މާލެ އައިސްފައިވާ ދާއިމީ ބައްޔަކަށް ބޭސް ފަރުވާ ކުރަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އެހީތެރިން.
ރަށަށް އެނބުރި ދިއުމަށްޓަކައި 15 އޭޕްރީލް 2020 އާއި 20 އޭޕްރިލް 2020 އާއި ދެމެދުގެ މުއްދަތުގައި ޓިކެޓްނަގާފައިވާ ފަރާތްތައް.
ރާއްޖޭން ބޭރުން މާލެއަށް ގެނެސްފައިވާ ފަރާތްތަކުގެ ތެރެއިން 14 (ސާދަ) ދުވަހުގެ މުއްދަތުގެ ކަރަންޓީން ފުރިހަމަކޮށް އެނބުރި ރަށަށް ނުފުރިފައިވާ ކިޔަވާ ކުދިންނާއި އެ ކުދިންގެ އާއިލާތައް.
ވަޒީފާ އަދާ ކުރަމުންގެންދާ ރިސޯޓު ފުރަ ބަންދު ކުރުމުން ނުވަތަ ރިސޯޓު ވަގުތީ ގޮތުން ބަންދު ކުރުމާ ގުޅިގެން ރަށަށް ދިއުމަށްޓަކައި މާލެ އައިސްފައިވާ ފަރާތްތައް.
ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު މާލެ އައިސްފައިވާ ފަރާތްތަކުގެ ތެރެއިން އެނބުރި ރަށަށް ނުފުރި ޙާލުގައި ޖެހިފައިވާ ފަރާތްތައް.
އެހެނިހެން ބޭނުންތަކާއި ގުޅިގެން ރަށަށް ދާންބޭނުންވާ ފަރާތްތައް (މިސާލަކަށް ވަޒީފާ ގެއްލުމާއި ގުޅިގެން، އާމްދަނީ ހޯދުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓުމުން)
ދަރިން/ ބެލެނިވެރިކަން ހަވާލުވެފައިވާ ކުދިން، މުސްކުޅި މައިންބަފައިން އަދި ނުކުޅެދުންތެރިކަން ހުންނަ އާއިލާގެ މެންބަރުން އެކަނި ނުވަތަ ވަގުތީ ގޮތުން އެހެން ބަޔަކާއި ބެލުން ހަވާލުކޮށްފައިވާ ފަރާތްތައް.
އަމިއްލަ ބޭނުންތަކަށް މާލެ އައިސްފައިވާ އެކަނި ދިރިއުޅެމުންދާ އަންހެނުންނާއި، އުމުރުން ދުވަސްވީ ފަރާތްތައް.
ކޮވިޑް-19އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ އަދި އިޖްތިމާޢީ ގޮންޖެހުންތަކުގެ ސަބަބުން މާލޭގައި ދިރިއުޅެވެންނެތި، އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތައް.
އާމްދަނީ ހޯދޭނޭ ދޮރުތައް މާލެއިން ބަންދުވެ، ރާއްޖޭގެ އެހެން ރަށަކުން ހޯދޭނޭ މަގުފަހިވެ، ދިރިއުޅުން އެފަދަ ފުރުސަތު އޮތް އެހެން ރަށެއްގައި އާބާދުކުރަން އެދޭ ފަރާތްތައް.
އަމިއްލަ ބޭނުންތަކުގައި މާލެ އައިސްފައިވާ އެހެނިހެން ފަރާތްތައް.
މިއެވެ.
މިއާއެކު ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ މަތީގައިވާ އިސްކަންދޭ ތަރުތީބުގެ ދަށުން، ރަށަށް ފޮނުވުމުގައި އެންމެ ފުރަތަމަ ބެލެވޭނީ 1 އޭޕްރިލް 2020 ނުވަތަ އޭގެ ފަހުން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތަކަށް ކަމަށެވެ.
މާލެ ސަރަޙައްދު ފުރަ ބަންދުގެ ޙާލަތަށް ގެނައުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް އަނބުރާ ރަށަށް ފޮނުވުމުގައި ޢަމަލު ކުރާނެ ގޮތްތަކުގެ މިންގަނޑު (އެސް.އޯ.ޕީ)ގެ 3 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ރަށަށް ދިއުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއަށް ނުވަތަ އެފަރާތެއް ނިސްބަތްވާ ރަށު/ސީޓީ ކައުންސިލުގެ އިދާރާއަށް މިހާތަނަށް ރިޕޯޓްކޮށްފައިނުވާ ފަރާތްތަކުން 1421 އަށް ނުވަތަ [email protected] ނުވަތަ އެ ރަށެއްގެ ކައުންސިލަށް ރިޕޯޓުކުރަމުން ގެންދިއުމަށް ޖެންޑަރ މިނިސްޓްރީން އެދިފައިވެއެވެ.
1421 އަށް ގުޅުއްވޭނޭ ގަޑިތަކަކީ:
ހެދުނު 10:00 އިން 17:30 އަށް.
ރޭގަނޑު 20:00އިން 23:00 އަށް.
ރަށްރަށަށް ދިއުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަތީގައި އެވާ ކަންކަމަށް ރިޢާޔަތްކޮށް ތަރުތީބުކުރެވި އިސްކަންދެވޭ ފަރާތްތައް ސަރުކާރުން އަންގަވާގޮތެއްގެ މަތިން 14 ދުވަހުގެ މުއްދަތުގެ ކަރަންޓީން ފުރިހަމަކުރަން ޖެހޭނެ ކަމުގައިވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މިގޮތުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއަށް ރިޕޯޓު ކުރައްވާފައިވާ ފަރާތްތަކުގެ ތަރުތީބު ކަނޑައަޅާނީ އެ މިނިސްޓްރީން ކަމަށާއި އަދި އެފަރާތްތައް ކަރަންޓީނު ކުރުމަށް ކަނޑައެޅިފައިވަނީ ސަރުކާރުން އެކަމަށް ހަމަޖައްސާފައިވާ ފެސިލިޓީތަކުގައި ކަމަށާއި އަދި ކައުންސިލުތަކަށް ރިޕޯޓު ކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން، މަތީގައި އެވާ ކަންކަމަށް ރިޢާޔަތްކޮށް ތަރުތީބުކޮށް ރަށަށް ފޮނުވާނެ ފަރާތްތަކުގެ ލިސްޓު ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަމަށް ބުނެފައިވެއެވެ. މިގޮތަށް ނިންމާ ފަރާތްތައް ކަރަންޓީނު ކުރާނީ ކައުންސިލުތަކުން އެރަށެއްގައި ކަނޑައަޅާ، އަދި ކައުންސިލުގެ ބެލުމުގެ ދަށުން ބަލަހައްޓާ ފެސިލިޓީތަކެއްގައި ކަމުގައިވެސް ބުނެފައިވެއެވެ.
ދިމާވާ ޚާއްޞަ ހާލަތެއްގެ ސަބަބުން މި ތަރުތީބަށް ބަދަލު ގެނައުމުގެ ބާރު މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އަށް ލިބިގެންވާކަމުގައިވެސް ޖެންޑަރމިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް