ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިރޭ 573 އަށް އަރާފައިވާއިރު މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 20 އަށް އަރައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރެއްވީ އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ. އޭނާ ވިދާޅުވީ މިހާތަނަށް 20 މީހަކު ބަލިން ރަނގަޅުވެފައިވާކަމަށެވެ.
ރަނގަޅުވި ތިން މީހުންގެ ތެރެއިން ދެމީހުންނަކީ ކޭސް 20 އަދި ކޭސް 27 އެވެ. ކޭސް 20 އެއީ ފިލިޕިންސުން ރާއްޖެ އައި ދިވެއްސެކެވެ. ކޭސް 27 އަކީ ލިލީ ކްލަސްޓާއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ އަންހެނެކެވެ.
ކޯވިޑް-19ގެ ފުރަތަމަ ކޭސް އެއް ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެއީ މާރިޗް މަހުގެ ހަތްވަނަ ދުވަހުގައެވެ. އެއަށްފަހު މަދު މަދުން ކޭސްތައް ފެންނަމުން އައިސް މާލެއިން ފުރަތަމަ ޕޮޒިޓިވް ކޭސް އެއް ފެނުނީ އޭޕްރީލް މަހުގެ 15 ގައެވެ. އެއީ ޖޭއާރުވައި ކްލަސްޓާއިންނެވެ. އެއަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި އަދަދު މިވަނީ 573 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް