ކޯވިޑް-19: ނިޔާވި ބިދޭސީ މީހާއަކީ ކަޅުތުއްކަލާ ކޮށީގައި މަސައްކަތްކުރާ މީހެއް

ކޯވިޑް-19 ގައި ރާއްޖެއިން މަރުވި ބިދޭސީ މީހާއަކީ ކަޅުތުއްލަކާ ކޮށީގައި މަސައްކަތްކުރާ ބިދޭސީއެއްކަން މިރޭ ހާމަކޮށްފިއެވެ. އެގޮތުން މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ކުރިއ...

05 May 2020 | 19:41

ކޯވިޑް-19 ގައި ރާއްޖެއިން މަރުވި ބިދޭސީ މީހާއަކީ ކަޅުތުއްލަކާ ކޮށީގައި މަސައްކަތްކުރާ ބިދޭސީއެއްކަން މިރޭ ހާމަކޮށްފިއެވެ.

އެގޮތުން މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެއީ ކަޅުތުއްކަލާ ކޮށީގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 33 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށާއި ކޮންޓެކްޓް ޓްރޭސިންގައި މިހާރު 60 މީހަކު ދެނެގަނެވިފައި ވާކަމަށެވެ.

އެ 60 މީހުންގެ ތެރޭގައި ހިމެނެނީ ކިހާ ދިވެހިންނެއްތޯ ބިދޭސީންނެއްތޯ ނޫސްވެރިއަކު ސުވާލުދެންނެވުމުން ޑރ. ވިދާޅުވީ އެ ސުވާލަށް ޖަވާބު ލިބެން އަދި އަވަސް ކަމަށެވެ. ކޮންޓެކްޓް ޓްރޭސިން ނިމި މާދަމައާއި ހަމައަށް ސާފު ޖަވާބެއް ލިބިގެންދާނެ ކަމަށެވެ.

އެ ބިދޭސީ މީހާ އައިޖީއެމް ހޮސްޕިޓަލަށް ރޭގެ ވަގުތެއްގައި ގެންދިޔައީ ފިޓް ޖެހިގެންނެވެ. ކޯވިޑް19 އަށް ޕޮޒިޓިވްވީ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ހެދި ޓެސްޓަކުންނެވެ.

މި މަރާއި ގުޅިގެން މިއަދު އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމް ހޮސްޕިޓަލުގެ ޑރ. މުހައްމަދު ފައިޝަން ވިދާޅުވީ އެމީހާ ނިޔާވީ ކޯވިޑް-19 ޖެހިގެން ކަމަށް ނުބެލެވޭ ކަމަށެވެ.

އެގޮތުން ޑރ. ވިދާޅުވީ އޭނާ މަރުވީ ސިކުނޑިއަށް ލޭ އެޅިގެން ކަމަށާއި އޭނާއަށް ފިޓް ޖެހުނީވެސް އެކަމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އަދި ބިދޭސީ މީހާގެ ސިކުނޑިއަށް ލޭ އެޅުނީ ލޭ ހޮޅިއެއް ފަޅައިގެން ގޮސްގެން ކަމަށްވެސް ޑރ. ފައިޝަން ވިދާޅުވިއެވެ.

މިއީ ކޯވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި ދެވަނަ މީހާއެވެ. ފުރަތަމަ ނިޔާވެފައިވަނީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭނާވެސް ޕޮޒިޓިވް ކަން އެނގިފައިވަނީ ނިޔާވި ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް