ހިޔާ މަޝްރޫއުގެ ގުރުއަތުލުން ބުރާސްފަތި ދުވަހު

ހިޔާ މަޝްރޫއިން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށްޓަކައި ނަގާ ގުރުއަތުލުން މި ހަފްތާގެ ބުރާސްފަތި ދުވަހު ކުރިއަށްދާނޭ ކަމާއި ކުރިއަށްދާނޭ ގޮތުގެ މައުލޫމާތު ހައުސިން ޑިވޮލެޕްމަންޓ...

06 Apr 2021 | 16:50

ހިޔާ މަޝްރޫއިން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށްޓަކައި ނަގާ ގުރުއަތުލުން މި ހަފްތާގެ ބުރާސްފަތި ދުވަހު ކުރިއަށްދާނޭ ކަމާއި ކުރިއަށްދާނޭ ގޮތުގެ މައުލޫމާތު ހައުސިން ޑިވޮލެޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެެވެ.

އެގޮތުން އެޗްޑީސީން ބުނެފައިވަނީ ހިޔާ މަޝްރޫގެ ދަށުން ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ 6720 ފްލެޓް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފްލެޓެއްކަން ކަނޑައެޅުމަށްޓަކައި ފްލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތު 08 އޭޕްރީލް 2021 (ބުރާސްފަތި) ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި މިގޮތުން ފުރަތަމަ ގުރުއަތު ނަގާނީ H10 (ހާއްސަ އެހީއަށް ބޭނުންވާ މީހުން) ގެ ކެޓަގަރީ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބުނެފައިވާގޮތުގައި މި ކެޓަގަރީގެ ގުރުއަތު ނަގާ ނިމެންދެން ގުރުއަތުލުން ކުރިއަށްގެންދާނެއެވެ. ގުރުއަތު ނަގާނީ، މި ކެޓަގަރީ އިން ފްލެޓް ލިބިފައިވާކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައި.ޑީ ކާޑުގެ ނަމްބަރު ތަރުތީބުން ކަމަށާއި ގުރުއަތު ނަގާނީ، ފްލެޓް ނަމްބަރު ކަރުދާސްކޮޅުތަކެއްގައި ފޮއްޓަކަށް އެޅުމަށްފަހު މަތީގައި ދެންނެވިފައިވާފަދައިން ލިސްޓްގައި ހިމެނޭ ފަރާތްތަކުގެ އައި.ޑީ ކާޑު ނަމްބަރު ތަރުތީބުން ކަމުގައި އެޗްޑީސީން ބުނެއެވެ.

ގުރުއަތު ނެގުން ކުރިއަށްދާއިރު ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ލައިވްކޮށް ދައްކަމުން ގެންދާނެ ކަމަށާއި އަދި މީޑިއާގެ އެހެން ވަސީލަތްތަކުންވެސް ލައިވް މަންޒަރު ދެއްކުމަށް މަސައްކަތް ކުރެވޭނެ ކަމުގައި ބުނެފައިވެއެވެ. އަދި މިދުވަސްވަރަކީ ކޮވިޑްގެ ދުވަސްވަރު ކަމަށްވާތީ HPAގެ ގައިޑްލައިން އާއި އެއްގޮތްވާ ގޮތުގެ މަތިން ގުރުއަތު ނަގާ ހޯލަށް ދައުވަތު ދެވިގެން ވަޑައިގަންނަވާ އޮބްޒާވަރުންނަށް ވަނުމުގެ ފުރުސަތު ދެވޭނެ ކަމުގައިވެސް އެޗްޑީސީން ބުނެފައިވެއެވެ.

ގުރުއަތު ނަގާއިރު، ނެގުނު ފްލެޓާއި، ފްލޯ އާއި ޓަވަރު އިނގޭގޮތަށް ޓީވީ ސްކްރީނުން ފެންނާނެއެވެ. މީގެ އިތުރުން ފްލެޓް ލިބުނު ފަރާތްތަކުން ދެއްވާފައިވާ ފޯނު ނަމްބަރަށް SMS އެއް ލިބިލައްވާނެއެވެ. މި SMSގައި ނެގުނު ފެލްޓް، ޓަވަރު، ފްލޯ ހިމެނިފައިވާނެ އަދި މެސެޖުގައިވާ ލިންކަށް ކްލިކް ކޮށްލުމުން ގުރުއަތުން ނެގުނު ފްލެޓްގެ އިތުރު މައުލޫމާތު ފެނިލައްވާނެ ކަމަށާއި މި ގުރުއަތަށްފަހު ލިބުނު ފްލެޓްގެ އެގްރީމަންޓްގައި ސޮއި ކުރުމާއި، ފްލެޓްގެ ދަޅުދަނޑި ހަވާލުކުރާނެ ތާރީހެއް ފަހުން އިއުލާނުކުރެވޭނެ ކަމުގައިވެސް އެޗްޑީސީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް