''އާނ......... ވަންނަންވީ ނިދަން........... ބޯއްތަ ނިދަންވަނީމަ ވަންނާނީ......... ޓީވީ ބަލާލަންތަ ތި ނިކުތީ......... މިރޭ ކިރުތަށި ނުހަދާ ރެއަކީތަ............'' ފަހުދަށް ކޮއްލެވުނީ އޭނާގެ ހިތުގައި އޮތް ސުވާލެވެ.
''މިރޭ މާލަހުން ކެއީމަ ކިރުތަށި ނުބޯންކަމަށް........... ކިހިނެތްވީ......... ފަހުދަށް ކިރުތައްޓެއް ހަދާދެންތަ......... ޖީނާވެސް އެބައުޅޭ ޒާރާ ބައިގަ............ ބޯއްތަ މިދަނީ އެބަޔަށް......ޒާރާ ބިރުން އުޅޭތީ މިރޭ އެބައިގަ ނިދާލަންމިދަނީ............ އެބަ ފޮނުވަން ޖީނާ...........'' ފަހުދުގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ސަރީފާ ހިނގައިގަތީ ލިފުޓާ ދިމާއަށެވެ.
ފަހުދު ގަނޑުވި ކަހަލައެވެ. ކުޑަ ހިނދުކޮޅަކަށް އޭނާގެ ބަސް ހުއްޓުނެވެ. ބުނާނެ އެއްޗެއް ހަދާނެގޮތެއް ފަހުދަކަށް ނުވިސްނުނެވެ. ޒާރާގެ ކޮޓަރިއަށް އޭނާގެ ބޮޑުދައިތަ ނިދަން ދިއުން އެއީ ފަހުދަށް ރުހެވޭނެ ކަމެއް ނޫނެވެ. އެއީ އޭނާ އުންމީދު ކުރި ގޮތެއްވެސް ނޫނެވެ.
ކުޑަ ހިނދުކޮޅަކަށް ފަހުދު ހުއްޓުން އެރި ކަމުގައި ވިޔަސް ވަރަށް އަވަހަށް އޭނާ ގޮތް ނިންމިއެވެ. ފުރުސަތު ގެއްލުވާލަން ބޭނުން ނުވާތީ ކޮންމެ ގޮތަކުންވެސް ބޮޑުދައިތަ ހުއްޓުވުމަކީ އެނޭ އަށް މިވަގުތު އެންމެ މުހިންމު ކަންތައް ކަމުގައި ވިސްނުނެވެ.
''މަޑުކޮއްބަލަ................ އާދެބަލަ މިތާ އިށީދެލަން........... މިހާ އަވަހަށް ނުދިޔަޔަސް ރަނގަޅުވާނު.......... ޖީނާވެސް އެބައިގަ އުޅޭވާހަކައެއްނު ތިބުނީ..........'' ފަހުދު ސޯފާއިން ތެދުވަމުން އޭނާގެ ބޮޑުދައިތައަށް ގޮވިއެވެ.
ސަރީފާ ހުއްޓުނެވެ. އަދި މަޑުމަޑުން އައިސް ފަހުދު ގާތަށް ހުއްޓުނެވެ.
''އަންނާނަން ހިފައިގެން.......... ވަރަށް މީރު ޖޫހެއް ހުންނާނެ ގަނެގެން ގެނެސްފަ......... އެ ބޯލައިގެން ދާންވާނީ......'' ފަހުދު ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ސަރީފާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
ފަހުދު ނިކުތީ ތައްޓަކަށް ޖޫސް އަޅައިގެންނެވެ.
''ކޮންކަހަލަ ޖޫހެއް........... ފަހުދަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން ތި ފާޑުފާޑުގެ ޖޫސް ނުބޯކަން.......... އެހެން ނޫނަސް ހަކުރު ކަންތައް ހުންނާތީ ޖޫސްކަހަލަ ބުއިންތަކާ ވަރަށް ދުރުން މިއުޅެނީ.............'' ސަރީފާ ސޯފާގައި އިށީދެލަމުން ބުންޏެވެ.
''ދެން ބޯއްތާ........... އަހަރެން ދޭނެތަ ބޯއްތައަށްދޭނެތަ ބޯއްތައަށް ގެއްލުމެއް ވެދާނެ އެއްވެސް އެއްޗެއް ............ ތި ހުރިހާ ކަމެއް ބޯއްތައަށް ވުރެ ރަނގަޅަށް އެނގޭނީ މަށަށް ކަން ބޯއްތައަށް ހަމަ ރަނގަޅަށް އެނގޭނެ. ........ އަހަރެން މީ ޑޮކްޓަރެކޭ ބޯއްތާ................ ހާސްނުވެބަލަ...............'' ޖޫސްތަށި ދިއްކޮއްލަމުން ފަހުދު ހިނިތުންވެލިއެވެ.
ސަރީފާ ޖޫސްތަށީގައި ހިފިއެވެ. އަދި ސޯފާގައި ހަމަޖެހިލުމަށްފަހު ޖޫސްތަށި އަނގަޔާ ކައިރިކޮއްލިއެވެ. އެވަގުތު ޖީނާ ތެޅެމުން ފޮޅެމުން ލިފުޓުން ނިކުމެގެން އަންނާތީ ފެނުނެވެ. އަތުގައި ހުރި ޖޫސްތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު ސަރީފާއަށް ކޮޅަށް ތެދުވެވެނެވެ.
''މެޑަމް.............. ޒިލީ ބޭބީ.....ބެއްތެނީ........ލޭއަންނަނީ.............މެޑަމް އަވަސްއަންނަންބޭނުން..... ޒާރާމެޑަމް ބުނަނީ...............'' ހާސްވެފައި ހުރިވަރުން ޖީނާއަކަށް މާގިނަ ވާހަކަ އެއް ނުދެއްކުނެވެ.
''މަގޭ ދަރިފުޅު....... ޒިލީއަށް ކިހިނެތްވީ އަނެއްކާ......... ފަހުދު ހިނގާ އަވަހަށް.........'' ސަރީފާ އަށް އެހެން ބުނެވުމާއެކު ދުއްވައިގަނެވުނީ ލިފްޓާ ދިމާއަށެވެ. ޒިލީއަށް ވީގޮތެއް އެންމެ ރަނގަޅަށް އޮޅުން ފިލާނީ އެބަޔަށް ގޮސްގެން ކަމަށް ވާތީއެވެ.
ސިޓިން ރޫމުގެ ދޮރު ހުޅުވާލުމާއެކު ސަރީފާ އެތެރެއަށް ވަނެވެ. ފަހަތުން ފަހުދުވެސް ވަނެވެ. އޭރު ޒިލީ ގަދައަޑުން ރޮނީއެވެ. ނިތްކުރިމަތިން ފަޅައިގެން ގޮސްފައިވާތަނުން ލޭ ފައިބަމުން ދެއެވެ. ލޭފައިބާ ތަނުގައި ފޮތިގަނޑެއް ޖައްސައިގެން ލޭ މަނާވޭތޯ ޒާރާ ކުރަމުން ދިޔަ މަސައްކަތް ކާމިޔާބު ވާގޮތެއް ނުވިއެވެ.
''އަސްތާ މަގޭ ދަރިފުޅު........... ކިހިނެތްވީ ............... އަވަހަށް ހިނގާ ހޮސްޕިޓަލަށް.............'' ސަރީފާއަށް ޒިލީގައިގައި ހިފައިގަނެވުނެވެ. ސުވާލުގެ ނަޒަރަކުން ޒާރާގެ މޫނަށް ބަލާލެވުނީ ވީކީއްހޭ އަހާލާ ކަހަލަ ގޮތަކަށެވެ.
''އަހަރެން ފާހާނާގަ އުޅެނިކޮއް ޒިލީ ރޮއިގަތީމަ ބަލާލި އިރު އެނދުން ވެއްޓުނީ.......... '' ޒާރާގެ އަޑުވަނީ ކުރެހިފައެވެ.
''ހިނގާ އަވަހަށް ހޮސްޕިޓަލަށް ދަމާ........ ތިހާ ވަރަށް ލޭ އަންނައިރު ނުވާނެ މަޑުކުރާކަށް.....'' ސަރީފާ ބޭނުންވީ ވީއެންމެ އަވަހަކަށް ޒިލީ ހޮސްޕިޓަލަށް ގެންދާށެވެ.
''ތީ އެހާބޮޑުކަމެއް ނޫން............. ހިނގާ ބޭސްއަޅާލަމާ..........'' ފަހުދު ޖެހިލީ ޒާރާ ގާތަށެވެ. ޒާރާއަށް ފަހުދާ ދުރަށް ޖެހިލެވުނެވެ. ބިރުވެރި އެއްޗަކަށް ބަލާފަދައިން ފަހުދާ ދިމާއަށް ބަލާލެވުނެވެ. އެ ބެލުން ސަރީފާއަށް ފާހަގަ ނުކުރެވުނަސް ފަހުދަށް ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް ފަހުދު ކުރިމަތިލިއެވެ. ދެވަނަ ފަހަރަށްވެސް ޒާރާއާ ގާތަށް ޖެހިލިއެވެ. ޒިލީއާ ދިމާއަށް އަތް ދިއްކޮއްލިއެވެ.
''އަތް ނުލާތި ............'' ޒާރާއަށް ބުނެވުނެވެ. ހަރުކަށި ރާގެއްގައެވެ.
ސަރީފާއަށް ބަލާލެވުނީ ޒާރާގެ މޫނަށެވެ. އެ މޫނުގައިވަނީ އިންތިހާ ކަންބޮޑުވުމާ ހާސްކަމެވެ. ދެލޮލުގައިވަނީ ނުތަނަވަސްކަމެވެ.
''ދަރިފުޅާ ކަންބޮޑުނުވޭ........... އިރާދަކުރެއްވިއްޔާ މާ ބޮޑުކަމެއް ނޫން............ ހިނގާ ތިރިއަށް ފައިބަމާ............ ފަހުދު ކާރު ނެރޭ........... އަވަސްކުރޭ...............'' ޒިލީ އުރާލަމުން ސަރީފާ އަވަސްވެގަތީ ޒިލީގެ އެއްޗިހި ބަދަލު ކުރުވާށެވެ.
ފަހުދާ އެކު ދާން ޖެހޭތީ ޒާރާ ހިތް ނުތަނަވަސް ވަފައި ވީނަމަވެސް ވަގުތާ ހާލަތުގެ ގޮތުން ހިތްހަމަ ޖައްސާލައިގެން އިނީއެވެ. އެއީ އެ ވަގުތަށް އެންމެ ރަނގަޅުގޮތް ކަމުގައި ވާތީއެވެ. އަނެއްކޮޅުން މައިދައިތަ އިނުމުން މާބޮޑަށް ކަންބޮޑުވުމުގެ ބޭނުމެއްވެސް ނެތެވެ.
އިމަޖެންސީ ރޫމުގައި ޒިލީއަށް ފަރުވާދެމުން ދިޔައިރު ފަހުދުވެސް އެކަމުގައި ޑޮކްޓަރުންނާއެކު ހަރަކާތްތެރިވަމުން ދިޔައެވެ. އެ މަންޒަރު ބަލަން ޒާރާއަށް ކިތަންމެ އުނދަގުލަސް ބަލަން ހުރުން ނޫންގޮތެއް ނެތެވެ. ފަހުދަކީ އޮޕަރޭޝަން ޑޮކްޓަރަކަށް ވާތީ އެހެން ޑޮކްޓަރުން ވެސް މަސައްކަތް ކުރަމުން ދިޔައީ ފަހުދުގެ އިރުޝާދުގެ މަތިންނެވެ.
ނިތްކުރިން ފަޅައިގެން ގޮސްފައިވާތަން ފެހުމަށްފަހު ބޭސް އެޅިއެވެ. އިންޖެކްޝަނާ ބޭހުގެ ބާރުގައި ނިންދަވާފައިއޮތް ތުއްތު ދަރިފުޅުގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިން ޒާރާ ސިހިގެން ދިޔައީ މައިދައިތަ ގޮވާލުމުންނެވެ. މާފުންކޮށް ފަޅައިގެން ގޮސްފައި ވުމުގެ ސަބަބުންނާ މާ ގިނައިން ލޭ އައުމުގެ ސަބަބުން ހަށިގަނޑުގައި ވަރުޖެއްސުމަށްޓަކައި އައިވީއެއް ގުޅާފައި އޮތެވެ. ސްކޭން އާއި އެކްސްރޭ ނަގާ އެތެރެއިން އެއްވެސް މިންވަރެއްގެ ގެއްލުމެއް ވެފައިވޭތޯ ބެލުމަށްޓަކައި ދެދުވަސް ވަންދެން ހޮސްޕިޓަލުގައި މަޑުކޮއްލަން ޖެހޭނެކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
''އިމްރާނަށް ގުޅިންތަ............. '' ސަރީފާ ބޭނުންވީ އިމްރާނަށް އެ ޚަބަރު ލިބިފައި އޮތް ތޯ ޔަޤީން ކުރާށެވެ. ޖަވާބެއްގެ ގޮތުގައި ޒާރާ ބޯ ހޫރާލިއެވެ. އިމްރާނަށް ގުޅަން ޒާރާ ހަނދާން ނެތުނީ ޒިލީގެ ކަންތަކާ ކަންބޮޑުވި ވަރުންކަމުގައި ސަރީފާ އަށް ގަބޫލު ކުރެވުނެވެ. އެހެންކަމުން ސަރީފާ އަވަސްވެގަތީ އިމްރާނަށް ގުޅުމަށެވެ.
***********
ދެ ދުވަސް ފަހުން ހޮސްޕިޓަލުން ޒިލީ ދޫކޮއްލިއެވެ. ހޮސްޕިޓަލުގައި ހޭދަކުރި ދެދުވަހު ފަހުދުގެ ފަރާތުން އެއްވެސް އުނދަގުލެއް ކުރިމަތި ނުވާތީ ޒާރާ އުފާކުރިއެވެ. އެހެންނަމަވެސް ގެއަށް ބަދަލުވުމާއެކު ފަހުދުގެ އުނދަގުލާ ކުރިމަތިލާން ޖެހޭނެކަން ޒާރާއަށް އެނގެއެވެ.
އެ ބިރުވެރިކަމާއެކު ޒާރާ ވަނީ ނުތަނަވަސްވެފައެވެ. އިރުއޮއްސުމާއެކު ޒާރާ ނަމާދުކޮށް އެތައް ވަގުތެއް ދުޢާކުރުމުގައި ހޭދަކުރިއެވެ. ޒިލީ ނިންދެވުމަށްފަހު ޒިލީގާތުގައި އޮށޯވެލިއެވެ. ރިމޯޓުން ލައިޓްގެ އަލި މަޑުކޮއްލުމަށްފަހު ލޯމަރާލިއެވެ. ދެދުވަސް ވަންދެން ހޮސްޕިޓަލުގައި އުޅުމުގެ ސަބަބުން ވެފައިވާ ވަރުބައްޔާއެކު ޒާރާއަށް ނުހަނު އަވަހަށް ނިދިއްޖެއެވެ.
ޒާރާއަށް ހޭލެވުނީ ކޮންމެވެސް މީހެއްގެ އަތް ޒާރާގެ ހަށިގަނޑުގައި ބީހެން ފެށުމުންނެވެ.
''ފަހުދު..................'' ފުންމައިގެން ތެދުވުމާއެކު ޒާރާއަށް ހަޅޭއްލަވައިގަނެވުނެވެ. އެނދުން ފައިބައިގެން ދުއްވައިގަނެވުނެވެ. ގާތުގައި ހުރި މީހާއާ ދުރަށެވެ. އެމީހަކު މަޑުމަޑުން ޒާރާއާ ދިމާއަށް ހިނގައިގަތްތަން ފެނުމުން ބިރުންގޮސް ޒާރާގެ ހިތް ހުއްޓުނު ކަހަލައެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 08 އޭޕްރީލް ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް