މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް މުޖުތަމައުއަށް އަލުން ނެރުމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ކުރާ މަސައްކަތް އެންމެ ބޮޑަށް ބޭނުންވަނީ ޖަމިއްޔާތަކާއި ކޮމިއުނިޓީ ގްރޫޕުތަކުގެ ކަމަށް އެ އެޖެންސީން ބުނެފި އެވެ.
"ދުވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އެންޑީއޭގެ ޗެއާމަން އަބްދުލް ހަމީދު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތް ކުރަން މެދުކެނޑުމެއްނެތި ބުރަ މަސައްކަތްތަކެއް ކުރާކަމަށެވެ. އެކަމަކު ބޭނުންވާ ހަލުވިކަމާއި ފުޅާކޮށް ގެންދިއުމަށް ކުރިމަތިވާ ދަތިތަކެއް އެބަހުރި ކަމަށް ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންމެ ބޮޑަށް އެންޑީއޭއަށް ދިމާވެފައިވާ މައްސަލަ އަކީ ތަޖުރިބާހުރި ދާއިރާއިން މަތީ ތައުލީމު ހާސިލް ކޮށްފައިވާ ފަންނީ މީހުން ނުލިބުން ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކާއި ކޮމިއުނިޓީ ގްރޫޕުތަކުގެ އެހީތެރިކަމަކީވެސް އެ އެޖެންސީ ހިންގުމަށް މުހިންމު ދައުރެއް އަދާ ކުރެވޭނެ ބައެއް ކަމަށް ވިދާޅުވި އެވެ.
ޖަމިއްޔާތަކާއި ކޮމިއުނިޓީ ގްރޫޕުތަކުގެ އެހީ އެންޑީއޭއަށް ބޭނުންވަނީ ފަރުވާއަށް ފަހު ދޫކޮށްލާ ފަރާތްތަކާއި ގާތް ގުޅުމެއް ބޭއްވުމަށް ބޭނުންވާ އެ ފަރާތްތަކަށް އެހީތެރިވެދެވޭނެތީ އެވެ. އެންޑީއޭއާއި ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖޭގައި ކޮންމެ ރަށެއްގައި ހިންގާ ޖަމިއްޔާއަކަށްވެސް ފުރުސަތު އެބައޮތް ކަމަށް ހަމީދު ވިދާޅުވި އެވެ.
މިވަގުތު އެންޑީއޭ އާއި ގުޅިގެން މަސައްކަތް ކުރަމުންދަނީ އެންމެ ހަތަރު ޖަމިއްޔާއެވެ.
އެންޑީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހުގެ ނިޔަލަށް އެ އެޖެންސީގެ އެހީތެރިކަމާއި އެކު މަސްތުވާތަކެއްޗާއި ދުރުވާން ބޭނުންވާ 456 މީހުން ޖާގަ ހަމަނުޖެހިގެން ކިޔޫގައި އެބަ ތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް