މި އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ފުޓްބޯލް ކޮންފަޑެރޭޝަން ކަޕްް (އޭއެފްސީ ކަޕް)ގެ މެޑިކަލް ޕާޓްނަރަކަށް އޭޑީކޭ ހޮސްޕިޓަލް ހަމަޖައްސައިފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ން ވަނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ކުރި ބިޑް ކާމިޔާބުކޮށް، މެޗުތައް ރާއްޖޭގައި ކުޅުމުގެ ފުރުޞަތު ހޯދައިފިއެވެ. އެގޮތުން ރާއްޖޭގެ ޓީމުތައް ހިމެނޭ ގްރޫޕް ޑީގެ މެޗުތައް މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ކުޅެން ވަނީ ތާވަލުކޮށްފައެވެ.
އެހެންކަމުން އެފްއޭއެމުން ވަނީ އޭއެފްސީ ކަޕްގެ މެޗުތަކަށް އެހީތެރިވުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެފްއޭއެމުގެ ފަރާތުން ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އެވެ. އަދި އޭޑީކޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އައްފާލެވެ.
އޭއެފްސީ ކަޕް ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމުން ތައްޔާރުވަމުން އަންނައިރު، އެ މުބާރާތް ބޭއްވުމާ ގުޅޭ ގޮތުން އެފްއޭއެމުން މީގެ ކުރިން ވަނީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާވެސް ބައްދަލުކޮށް، މަޝްވަރާކޮށްފައެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗު އެއް ވަގުތެއްގައި ކުޅެން ޖެހޭތީ، ކުޅިވަރާ ބެހޭ ވުޒާރާއާ ގުޅިގެން ގްރޫޕް ސްޓޭޖުގެ މެޗެއް ލ. ގަން ޒޯން ސްޓޭޑިއަމުގައި ކުޅެން އެފްއޭއެމުން އަންނަނީ މަސައްކަތްކުރަމުންނެވެ.
https://twitter.com/MaldivesFA/status/1379156894351192066
މި އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީން ނިންމީ ކޮވިޑް-19 ގެ ހާލަތުން އަދި މިހާތަނަށް އެއްކޮށް އަރައިގަނެވިފައި ނުވާތީއެވެ. އޭއެފްސީ ކަޕުގެ ބިޑް ރާއްޖެއިން ކާމިޔާބުކުރިއިރު، އަވައްޓެރި އިންޑިއާއިންވެސް ވަނީ މި މުބާރާތް ބާއްވަން ބިޑްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް