ފިލިޕީންސްގައި ކޯވިޑްއާއި ގުޅިގެން ހިންގާފައިވާ ކާފިއުއާ ހިލާފުވުމުން އެ ގައުމުގެ ފުލުހަކު އަދަބެއްގެ ގޮތުގައި ގަދަކަމުން 300 ސްކޮޓްސް ޖެއްސުވި މީހަކު މަރުވެއްޖެއެވެ.
ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މަރުވެފައިވަނީ އުމުރުން 28 އަހަރުގެ ޑެރެން މަނޯޖް ނަމަކަށްކިޔާ ފިލިޕިނޯ ފިރިހެނެކެވެ. އޭނާ ކާފިއުއާ ހިލާފުވީ މިދިޔަ ބުރާސްފަތި ދުވަހު އިރުއޮއްސޭހާއިރު އެވެ.
މަރުވެފައިވަނީ އެދުވަހު ގިނަ އަދަދަކަށް ސްކޮޓްސް ޖެއްސުމަށްފަހު ގެއަށް ގޮސް ލިބިފައިވާ އަނިޔާއަށް ކެތް ނުކުރެވިގެންކަމަށް އާއިލާއިން މައުލޫމާތުދެއެވެ.
މަނޯޖްގެ ތިމާގެ މީހެއްކަމަށްވާ އެޑްރިން ލޫސެނާ އޭނާގެ ފޭސްބުކްޕޯސްޓެއްގައި އެކަމާބެހޭގޮން ބުނެފައިވަނީ، މަނޯޖްއާއި އޭނާގެ ރައްޓަހިން ކާފިއުއާއި ހިލާފުވުމުން އެކަމުގެ އަދަބެއްގެ ގޮތުގައި ފުލުހުން ބުނީ 100 ސްކޮޓްސް އެންމެން އެއްކޮށް އެއްފަހަރާ ޖެއްސުމަށެވެ. އަދި އެކަކު ނަމަވެސް އެހެންމީހުންނާ އެކުގަ ނުޖެއްސިއްޖެ ނަމަ އަލުން އެންމެން އެއްކޮށް މުޅި ސެޓް ހަމަ ކުރަން ޖައްސަންޖެހޭ ކަމަށެވެސް ލޫސެނާ ބުނެފައިވެއެވެ.
އެގޮތުން އެރޭ މަނޯޖް އާއި އޭނާގެ ރައްޓަހިން 300 ސްކޮޓްސް ޖައްސަން ޖެހުނުކަމަށް ލޫސެނާ ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.
ހުކުރު ދުވަހު ހެނދުނު މަނޯޖް ގެއަށް އައި އިރު ހިނގަން އުނދަގޫވެ ފަލަމަސްގަނޑަށާއި ކަކުލުގައި ރިއްސާތީ ފިރުކިފައި އުޅުނު ކަމަށާއި ފަހުން މީހާގެ މޫނުގެ ކުލަ ބަދަލުވެ ހިތް ހުއްޓުނީކަމަށް އެނާ ރައްޓަހިވެގެން އުޅޭ އަންހެންކުއްޖާއާ ހަވާލާދީ ބޭރުގެ ރިޕޯތުތައް ބުނެއެވެ.
މަނޯޖް ބުރާސްފަތި ދުވަހުގެރޭގައި ކާފިއުއާ ހިލާފުވެގެން ޕޮލިހުގެ ބެލުމުގެ ދަށަށް ގެންދިޔަކަން އެ ސަރަހައްދުގެ ޕޮލިހުން ކަށަވަރު ކޮށްދީފައިވީނަމަވެސް މަނޯޖްގެ އާއިލާއިން ކުރާ ތުހުމަތުތައް ޕޮލިހުން ވަނީ ދޮގުކޮށްފައެވެ.
މަނޯޖްގެ މަރާއި ބެހޭގޮތުން އެ ސަރަހައްދުގެ މޭޔާރު ވިދާޅުވީ، ޗީފް އޮފް ޕޮލިސްއަށް އަންގައިގެން މަނޯޖްގެ މަރާއި އެކަން ހިނގާދިޔަގޮތް އިންސާފުވެރިކަމާއެކު ތަހުގީގުކުރަން މިހާރު އަންގާފައިވާކަމަށެވެ. އަދި އެ ދަޑިވަޅުގައި އާއިލާއާއެކުގައި ހުންނެވިކަމަށްވެސް މޭޔަރާ ހަވާލާދީ ބޭރުގެ ރިޕޯޓުތައް ބުނެއެވެ.
ފިލިޕީންސް ސަރުކާރުންވަނީ ކޯވިޑް ބަލިފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުގައި ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް