ކައުންސިލްތަކުގެ ބާރު ކަނޑުވާލަން މަސައްކަތްކުރި ބަޔަކު (ޕީޕީއެމް/ޕީއެންސީ) ކައުންސިލްގެ ގޮނޑި ހޯދަން މަސައްކަތް ކުރާއިރު ލަދުގަންނަން ޖެހޭނެ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ކައުންސިލްތައް ބަންދުކޮށް ތަޅު އަޅުވައިގެން، ކައުންސިލްތަަކަށް ފައިސާ ނުދީ ހުރިހާ ކަމެއް ހިފަހައްޓާފައި އޮތް ކަމަށެވެ. ކައުންސިލްތަކަށް އޭރު އޮތް ހަމައެކަނި މަސައްކަތަކީ ސަހަރާތަކުގެ ވަށާފާރު ރޭނުން ކަމަށެވެ.
އިލްޔާސް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ ބާރުތައްވެސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، ސިޓީ ކައުންސިލްގެ މުދާތަކާއި، މުވައްޒަފުންނާއި ގެންގޮސް މިނިސްޓްރީއަށް ވެއްދި މީހަކު މާލެ ރައްޔިތުން ގާތު މޭޔަރު ކަަމަށް ވޯޓު ދޭށޭ ބުނަން ލަދުގަންނަން ޖެހޭނެ ކަމަށެވެ.
އަދި ގޮނޑި މޭޒު ދަށާާއި މުށުތެރެއަށް ބާރުތައް ލައިގެން އުޅުނު ބަޔަކަށް ކައުންސިލް ހިންގަން ނޭގޭނެ ކަމަށާއި، ކައުންސިލަށް ނުކުންނަން ޖެހޭނީ އެކަމުގެ ބާރުވެރިކާމާއި، އެކަމުން ރައްޔިތުންނަށް ޚިދުމަތްދޭން އެނގޭ ބަޔަކު ކަމަށް އިލްޔާސް ވިދާޅުވިއެވެ.
މީގެ އިތުރުން، މޭޔަރަކަށް އަންނަ މީހަކީ ރައީސުލްޖުމްހޫރިއްޔާ ކައިރިއަށް ޖަލުގައި އޮތް މީހަކު މިނިވަންކުރަން ދާން ހޮވާ މީހެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ޚިދުމަތްކޮށްދޭން ހޮވާ މީހެއް ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް