ދިވެހިރާއްޖެއިން ކޯވިޑް-19 އާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި، ރައްކާތެރި ގޮތެއްގައި މެޑިކަލް ވޭސްޓް ނައްތާލުމުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ކެނެޑާ ސަރުކާރުން، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ މެދުވެރިކޮށް 1.35 ކެނޭޑިއަން ޑޮލަރުގެ އެހީ ދީފި އެވެ.
ކެނެޑާ ސަރުކާރުންނާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯ އިން ގުޅިގެން ދިވެހިރާއްޖޭގައި ޤާއިމުކުރެވޭ "ޑިސްއިންފެކްޝަން އޮފް މެޑިކަލް ވޭސްޓް" ގެ ނަމުގައި ލޯންޗް ކުރެވޭ މި ޕްރޮޖެކްޓް އިފްތިތާޙް ކުރެއްވުމަށް، މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވުނު ވަރޗުއަލް ރަސްމިއްޔާތެއްގައި، މިނިސްޓްރީ އޮފް ހެލްތުގެ އިސް ބޭބޭފުޅުންނާއި، ސްރީލަންކާގައި ހުންނަ ކެނެޑާގެ ހައިކޮމިޝަނަރގެ އިތުރުން ޑަބްލިއުއެޗްއޯ ގެ ރާއްޖޭގެ އޮފީހުގެ އެކްޓިންގ ރެޕްރެޒެންޓެޓިވް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، އަލްފާޟިލް އަޙްމަދު ނަސީމު ވާހަކަފުޅު ދައްކަވަމުން، މިފަދަ މުހިންމު ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަށް ކެނެޑާ ސަރުކާރުންނާއި ޑަވްލިއުއެޗްއޯ އިން ގުޅިގެން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަ ކުރައްވާ ދެ ފަރާތަށް ޝުކުރު އަދާކުރެއްވިއެވެ.
އަދި، ކެނެޑާގެ ހައި ކޮމިޝަނަރ، ހިޒް އެގްސެލެންސީ ޑޭވިޑް މެކިނޮން މި ޕްރޮޖެކްޓް ދިވެހިރާއްޖޭގައި ޤާއިމު ކުރެއްވުމަށް ފޯރުދެއްވި އެހީތެރިކަން ފާހަގަ ކުރައްވާ އެ މަނިކުފާނަށް ވަކިން ޚާއްޞަކޮށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯ ގެ އޮފީހުން ކަމުގައިވާތީ، އެފަރާތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން އުފަލާއެކު ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވިއެވެ.
މި ޕްރޮޖެކްޓްގެ ދަށުން އަތޮޅު ތެރޭގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް' މަރުހަލާތައް ހަރުދަނާކުރުމަށް 40 (ސާޅީސް) އޮޓޯކްލޭވް ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާތަނަށް މިޚިދުމަތް ޤާއިމު ކުރެވިފައިވާ އަތޮޅުތަކުގެ އިތުރުން، 10 އަތޮޅެއްގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް' ގެ ޚިދުމަތްތައް ޤާއިމު ކުރެވިގެންދާނެ ކަމުގައި ވެސް ފާހަގަ ކުރެވުނެވެ.
ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންކުރެވޭ ތަކެތި ރަނގަޅުގޮތުގައި ނައްތާލުމަކީ ކޯވިޑް-19 ފަދަ ގައިންގަޔަށް އަރާބަލިތަކުންނާއި، އެހެނިހެން ޖަރާސީމްތަކުން ރައްކާތެރިވުމަށް ވަރަށް މުހިންމު ކަމެކެވެ. މިޚިދުމަތް ޤާއިމު ކުރުމުގެ ސަބަބުން ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެއެވެ. އަދި ޚިދުމަތް ދިނުމަށް ބޭނުންކުރެވޭ ތަކެތި އަންދާލުން ނިމުމަކަށް ގެނެވި، މިކަމުގެ ސަބަބުން ތިމާވެށްޓަށް ކުރާ ގެއްލުންތައް ވެސް ކުޑަވެގެންދާނެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެހީތެރިކަމާއިއެކު ދިވެހިރާއްޖޭގައި ނޭޝަނަލް ހެލްތު ކެއަރ ވޭސްޓް މެނޭޖްމަންޓް ޕޮލިސީ އަދި ސްޓްރެޓެޖީ ވަނީ އެކުލަވާލާފައެވެ. އަދި ހެލްތު ކެއަރ ވޭސްޓް ނައްތާލުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ލާމު އަތޮޅުގައި ވަނީ ވަރަށް ކާމިޔާބުކަމާއިއެކު ކުރިއަށްގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް