އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ހަރަކާތްތެރިވާ ފުލުހުން އަތޮޅުތަކަށް ފުރަން ފަށައިފިއެވެ.
ވޯޓު ކަރުދާސްތަކާއެކު އަތޮޅުތަކަށްދާ ފުލުހުން މިއަދު ހެނދުނު މާލެއިން ފުރަން ފަށާފައިވާއިރު، މިއަދު ފުރާފައިވަނީ ހއ، ހދ. ށ، ނ، ރ، ބ އަދި ޅ. އަތޮޅުގެ ރަށްތަކަށްދާ ފުލުހުންނެވެ.
އަދި އެހެން އަތޮޅުތަކަށް ދާ ފުލުހުން މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ރަށަކަށް ގޮސް ނިމޭނެ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އަތޮޅުތަކަށް ފުރަން ފަށާފައިވަނީ ޕީސީއާރު ޓެސްޓް ހެދުމަށްފަހު، ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހުގައެވެ. އަދި ފުލުހުން ގާއިމްވެ ތިބި ރަށްރަށުގެ އިތުރުން މިފަހަރުގެ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ވޯޓުފޮށި ބަހައްޓާ ކޮންމެ ރަށެއްގައި ފުލުހުން ހަރަކާތްތެރިވަމުންދާނެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި ރަށްރަށަށް ދިއުމަށްޓަކައި ފުލުހުންގެ ޓީމެއް ކޮންމެ ޑިވިޝަނެއްގައި ވަނީ ގާއިމްކޮށްފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގޮތުން ފުލުހުން ދުރާލައި ތައްޔާރީތައް ވެފައިވާއިރު، އިންތިޚާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަށް ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރުންވެސް ވަނީ ކަނޑައަޅާފައެވެ.
އެގޮތުން އިންތިޚާބުގެ ސެކިއުރިޓީ ކޮމާންޑަރަކަށް ކަނޑައަޅާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދުއެވެ. އަދި ޑެޕިއުޓީ ކޮމާންޑަރަކަށް ކަނޑައަޅާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް