ހިޔާ މަޝްރޫއިން ފްލެޓު ލިބުނު ފަންނީ ދާއިރާގެ މީހުން ފްލެޓު ދޫކޮށްލަން އެދޭނަމަ މިމަހުގެ 19 ވާ ހޯމަ ދުވަހުގެ ކުރިން އެ ކަމަށް އެދި ހުށަހެޅުމަށް ޕްލޭނިން މިނިސްޓްރީން އެދެފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި، ހިންގި "ހިޔާ" މަޝްރޫގެ ފްލެޓުތައް ދޫކުރަން ހުޅުވާލި ކެޓެގަރީތަކުގައި ބައެއް ފަންނީ ދާއިރާތަކުގެ މުސާރަ ރަނގަޅު ވަޒީފާތައް ހިމެނޭ ފަދަ ކެޓަގަރީތައް ހުރުމުން އެ މީހުންނަށް ފެލްޓުތައް ދޫކޮށްލައި އެއަށް ވުރެ ރަނގަޅު ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު މި ސަރުކާރުން ވަނީ ހުޅުވާލާފައެވެ.
މިކަމާ ގުޅިގެން، ޕްލޭނިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފަންނީ ދާއިރާތަކުން ހިޔާ މަޝްރޫއުގެ ފްލެޓު ލިބުނު މީހުންނަށް އެ ފްލެޓުތައް ދޫކޮށްލައި އޭގެ ބަދަލުގައި ސަރުކާރުން ދެން އެންމެ އަވަހަކަށް ހިންގާ ބޯހިޔާވަހި ކަމުގެ މަޝްރޫއަކުން ފްލެޓު ހޯދުމުގެ ފުރުސަތު ހުޅުވާލާފައި ވާ ކަމަށެވެ. އަދި އެ ގޮތަށް އެދޭ ނަމަ މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެކަން ޕްލޭނިން މިނިސްޓްރީއަށް ހުށަހެޅުމަށް ވެސް އެދިފައިވެއެވެ.
ފްލެޓު ދޫކޮށްލަން އެދޭނަމަ ސިޓީ، އީމެއިލް، ވަޓްސްއެޕް އަދި އެސްއެމްއެސްގެ ޒަރިއްޔާއިން އެކަން އެންގޭނެ ކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނީ ހިޔާ މަޝްރޫއުއިން ފްލެޓު ދޫކޮށްލާ ފަރާތްތަކަށް މި ސަރުކާރުން އެންމެ އަވަހަށް ހިންގާ މަޝްރޫއަކުން ބޯހިޔާވަހިކަން ދޭނެކަން ކަށަވަރުކޮށްދޭއިރު އެތަންތަނަކީ ތަނުގެ އަގު އެތަނެއްގެ ފެންވަރާ އެއްގޮތަށް ހިފެހެއްޓިފައިވާ އަދި ޖާގައިގެ ގޮތުން ތަނަވަސް ތިން ކޮޓަރީގެ ފްލެޓުޒތަކަށް ކަމަށެވެ.
ފްލެޓު ލިބުނު ފަންނީ ދާއިރާތަކުގެ މީހުންނަށް ފްލެޓު ދޫކޮށްލުމުގެ ފުރުސަތު ހުޅުވާލައި ރައީސް އޮފީހުން މީގެ ކުރިން ބުނެފައި ވަނީ ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަކީ އާމްދަނީގެ ގޮތުންވެސް ތަނަވަސް ބަޔަކަށް ވާނެތީ މި ވަގުތު ދިރިއުޅުމުގެ ހާލަތަށް ބަލައި މިހާރު ހުރި ހިޔާ ފްލެޓުތަކުގެ ފެންވަރުގެ ތަންތަނަށް ވުރެ ފެންވަރު ރަނގަޅު ތަނަވަސް ތަންތަނަށް ބޮޑު އަގުގައި ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް