ހޮލީވުޑް ފިލްމު "ރާންބޯ" ގެ ހިންދީ ރިމޭކްސް އިން ޓައިގާ ޝްރޮފް ނުފެންނާނެ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި އެވެ.
މަސައްކަތް ނުފެށި ދައުލައިގެން ގޮސްފައިވާ މި ފިލްމު އިއުލާނު ކުރީ 2017 ވަނަ އަހަރު އެވެ. 2018 ވަނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައި އޮތް މި ފިލްމުގެ އެއްވެސް މަސައްކަތެއް އަދި މިހާތަނަށް ނުކުރެ އެވެ.
އެކަމަކު މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ޓައިގާކަން މީގެ ކުރިން އާންމުކޮށްފައިވާ ޕޯޓަރަކާއި އެކު ހާމަކޮށްފައިވެ އެވެ. ޓައިގާ މި ފިލްމުން ނުފެންނާނެ ކަމަށް ބުނެ ވާހަކަ ދެކެވެން ފެށީ މިދިޔަ ހަފްތާގައި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މި އަހަރާއި އަންނަ އަހަރު ވެސް ޓައިގާ މަސައްކަތުގެ ޝެޑިއުލް އޮތީ ވަރަށް ތާށިކޮށެވެ. އެހެންވެ ޓައިގާއަށް ވަގުތުދޭން ދަތިވާތީ އޭނާގެ ބަދަލުގައި "ރާމްބޯ"ގެ ރިމޭކް "ބާހްބަލީ" ކުޅުނު ތެލެގޫ އެކްޓަރު ޕްރަބާސް އަށް ހުށަހަޅާފައިވާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ދިން އިންޓަވިއުއެއްގައި ޓައިގާ ބުނެފައިވަނީ އެއީ ކޮން ތާކުން، ކާކު ތިލަކޮށްގެން އުޅޭ ވާހަކައެއްކަން ނޭނގޭ ކަމަށެވެ. އަދި "ރާމްބޯ" އިން ނުފެންނާނެ ކަމަށް ބުނާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުންޏެވެ.
"ރާމްބޯ" ޑައިރެކްޓަރަކީ ސިދާތް އަނަންދު އެވެ. ރިޕޯޓުތައް ބުނާގޮތުގައި ސިދާތްވެސް ގިނަ ފިލްމުތަކެއްގެ މަސައްކަތް ފަށާފައިވާތީ އެންމެ އަވަހަށްވެސް "ރާމްބޯ" ގެ މަސައްކަތް ފެށޭނީ 2023 ވަނަ އަހަރު އެވެ.
ސިދާތު މިހާރު ޑައިރެކްޓު ކުރަމުންދަނީި ޝާހްރުކް ޚާން ލީޑްރޯލް ކުޅޭ "ޕަތާން" އެވެ. އަދި އެ ފިލްމަށް ފަހު އޭނާ ހަދަން އޮތް ފިލްމަކީ ރިތިކާއި ދީޕިކާ ލީޑްރޯލުން ފެނިގެންދާ "ފައިޓާ" އެވެ.
ޓައިގާ މި ވަގުތު އަންނަނީ "ހީރޯޕަންތީ" ސީކުއެލްގެ ފިލްމުގެ ތައްޔާރީތައް ވަމުންނެވެ. އޭނާ ސޮއިކޮށްފައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ގަންޕަތު" ގެ ދެ ފިލްމާއި "ބާގީ 4" ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް