ރޭޑިއޯގްރަފީގެ ކޯސްތަކާއެކު ދިވެހިންނަށް ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިވާނެ: ނަސީމް

ރޭޑިއޯގްރަފީގެ ކޯސްތަކާއެކު ދިވެހިންނަށް ވަޒީފާގެ އިތުރު ފުރުޞަތުތައް ލިބިގެންދާނެކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. ހެލްތު މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، މިނިސްޓްރީ އޮ...

06 Apr 2021 | 04:01

ރޭޑިއޯގްރަފީގެ ކޯސްތަކާއެކު ދިވެހިންނަށް ވަޒީފާގެ އިތުރު ފުރުޞަތުތައް ލިބިގެންދާނެކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތާއި، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސް.ޓީ.އޯ އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ، އެމް.އެން.ޔޫ ގުޅިގެން، ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯސް އިފްތިތާޙް ކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ، ޞިއްޙީ ދާއިރާގައި ފަންނީ މަޤާމުތަކުގައި މަސައްކަތް ކުރާ މީހުންގެ ގާތްގަނޑަކަށް 95 އިންސައްތައަކީ ބިދޭސީންކަމަށެވެ. ރޭޑިއޯގްރާފަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަށް އެކަނި ބެލިނަމަވެސް އަތޮޅުތަކުގައި ޞިއްޙީ ޚިދުމަތްދޭ 20 ތަނެއްގައި މަސައްކަތްކުރާ 37 ރޭޑިއޯގްރާފަރުންގެ ތެރޭގައި ހިމެނެނީ އެންމެ 3 ދިވެހިން ކަމަށް މިނިސްޓަރު ވިދާޅުޥިއެވެ. އަދި އައި.ޖީ.އެމް.އެޗްގައި 20 ރޭޑިއޯގްރާފަރުން މަސައްކަތްކުރާއިރު، އޭގެތެރޭގައި ހިމެނެނީ އެންމެ ދިވެއްސެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ޞިއްޙީ ދާއިރާގައި ފަންނީ މަޤާމުތަކުގައި ދިވެހިން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަން ފާހަގަކުރެއްވިއެވެ. އަދި އަލަށް މި ފަށާ ރޭޑިއޯގްރަފީގެ ކޯސްތަކާއެކު ދިވެހިންނަށް ވަޒީފާގެ އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

މި ކޯސް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް