އާއްމު ބަސް ދަތުރު އެއީ ކުރިން އެމްޑީޕީގެ ސަރުކާރުން ވެސްް ވަރަށް ފުޅާ ދާއިރާއެއްގައި މާލޭގެ މަގުތަކުގައި ފެށިކަމެކެވެ.
ނަމަވެސް ސަރުކާރު ބަދަލުވުމާއެކީގައި އެ ނިޒާމު ހުއްޓުމަކަށް އައިސް، އެއްކޮށް އުވާލެވިފައިވެއެވެ. އަދި އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ވެސް ވަރަށް ބޮޑެތި ގެއްލުން ތަކެއް ލިބުނެވެ.
ނަމަވެސް އަނަސް ފާހަގަ ކުރެއްވި ގޮތުގައި އެ ނިޒާމަކީ މާލޭގެ ރައްޔިތުންގެ ވެސް ވަރަށް ބޮޑު ތާއީދެއް އޮތް ނިޒާމެއް ކަމަށެވެ.
އެހެންކަމުން ގަބޫލުކުރައްވާ ގޮތަކީ، ރައްޔިތުން އާއްމުކޮށް ގޮސްއުޅޭ ސަރަހައްދުތަކަށް ބަސް ދަތުރުގެ ނިޒާމު ފޯރުކޮށްދޭ ގޮތް ހެދުން ކަމަށެވެ. މިހާރުވެސް ހުޅުމާލޭ ބަސް މާލެއައިސް ދަތުރުކުރާ ކަމަށާއި އެކަމުގެ ސަބަބުން ރައްރިތުންނަށް ވަރަށްގިނަ ފައިދާތަކެއް ކުރާ ކަމަށް އަނަސް ވިދާޅުވިއެވެ.
އެހެންކަމުން އަލުން ބަހުގެ ހިދުމަތް ފެށުމުން އައިޖީއެމްއެޗް އަދި އޭޑީކޭ ހޮސްޕިޓަލަށް ދިއުމަށާއި ސްކޫލްތަކަށް ދިއުމަށް ވެސް ފަސޭހަވެގެން ދާނެއެވެ.
މާލޭގެ ސްކޫލްތަކަށް ކުދިން ދާ ގަޑީގައި، އެއް ވަގުތެއްގައި ސްކޫލްތައް ދޮށަށް ގިނަ އަދަދެއްގެ މީހުން ޖަމާވެއެވެ. އެހެންކަމުން އެ ވަގުތުކޮޅު މާލޭގެ މަގުތަކަށް ތޮއްޖެހުން އަންނަ ކަމަށް އަނަސް ފާހަގަކުރެއްވިއެވެ.
އެގޮތުން ކުދިން ސްކޫލަށް ހާޒިރުވާ ވަގުތުގައިވެސް އަދި ކުދިން ސްކޫލުން ނުކުންނަ ވަގުތުގައިވެސް އެ އުނދަގޫ ކުރިމަތިވެއެވެ. އެހެންކަމުން އެ ކާރޫބާރޫ ކުޑަކުރުމަށްޓަކައި ސްކޫލްބަހުގެ ހިދުމަތް ފަށައިފިނަމަ ފައިދާ ކުރާނެކަމަށް އަނަސް ވިދާޅުވިއެވެ.
"ގިނަ ބެލެނިވެރިން އެ ވަޑައިގަންނަވަނީ އޮފީހުގެ ރަސްމީ ގަޑީގައި ތިއްބެވުމަށްފަހު. އޮފީހަށް ވަޑައިގަތުމުގެ ކުރިން ކުދިން ސްކޫލަށް ގެންދަވާ. ނަމަވެސް އޮފީހުގެ ވަގުތުގެ މެދުތެރެއިން ބަލާވެސް އެބަ ދުރުވޭ. އެ ބޭބޭފުޅުންނަށް ވެސް ވަރަށް ފަސޭހަފުޅުވާނެ މިފަދަ ނިޒާމެއް ގާއިމުވެގެން ދިޔައީމަ" ދުވަހަށް ދެއްވި އިންޓަވިއުއެއްގައި އަނަސް ވިދާޅުވިއެވެ.
އަނަސް ފާހަގަ ކުރެއްވި ގޮތުގައި، މިކަންކަން ކުރަން ގަސްތުކޮށްފައި ވަނީ ސްކޫލް ކުދިންނާ ވީހާވެސް ރަހުމަތްތެރި ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ.
ބަސް ސްޓޮޕްތަކެއް ބެހެއްޓުުން، ބެލެނިވެރިންގެ ޒިންމާއަކަށް ވާނީ ބަސް ސްޓޮޕްތަކާ ހަމައަށް ކުދިން ގެންދިއުމެވެ. އެހިިސާބުން ކުދިންނާ ހަވާލުވެގެން ސްކޫލާ ހަމައަށް ކުދިން ގެންގޮސްދޭނީ ބަހުގެ އެހީގައެވެ.
މި ކަންކަމުގެ މައިގަނޑު މަޤްސަދަކީ އުޅަނދުފަހަރު އެއްވަގުތެއްގައި މާލޭގެ މަގުތަކުގައި އުޅުން މަދުކުރުން ކަމަށް އަނަސް ވިދާޅުވިއެވެ. ރައްޔިތުން މިފަދަ ލުއިތަކުގެ ބޭނުން ހިފާނީ، އެކަމަށް ފުރުސަތު ދިނުމުން ކަމަށާއި އެފަދަ ކަންކަމުގެ ބޭނުން ހިފާނެ މީހުން ނެތީ، އެފަދަ ފުރުސަތުތައް ނެތުމުން ކަމަށް އަނަސް ފާހަގަ ކުރެއްވިއެވެ.
މިހާރު ވެސްޓް ޕާކާ ހިސާބަށް ބަސް އަންނާތީ، އެކަމުގެ ބޭނުން ހިފާ ބޭފުޅުންވެސް އުޅުއްވައެވެ. އެހެންކަމުން ބަހުގެ އެހީގައި ދެވޭ ހިސާބު ވަށާޖެހޭނަމަ، އޭގެ ބޭނުން ހިފާނެ ރައްޔިތުންވެސް ވާނެ ކަމަށް އަނަސް ގަބޫލުފުޅު ކުރައްވައެވެ.
މީގެ އިތުރުން އަނަސް ނެންގެވި މިސާލަކީ، ޓެކްސީއެއްގެ އިންތިޒާރުގައި ގިނަ މީހުން މަގުމަތީގައި ތިބޭކަމެވެ. އެފަދަ ބޭފުޅުންނަށްވެސް ބަހުގެ ޚިދުމަތް ފަދަ ދަތުރުގެ ނިޒާމެއް އޮތްނަމަ، އޭގެ ބޭނުން ހިފާނެ މީހުން ވާނެ ކަމަށް އަނަސް ވިދާޅުވިއެވެ.
ބަހުގެ ނިޒާމަކީ އަމިއްލަ ޖީބަށް ވެސް ލުއި ވެގެންދާނެ ނިޒާމެކެވެ. އަދި އޭގެ ބޭނުން ހިފާނެ ބޭފުޅުން ވަރަށް ގިނަވާނެ ކަމަށް އަނަސް ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް