ރ. އިންނަމާދޫގައި ބިދޭސީއަކަށް އަނިޔާކުރި ދެމީހަކު އެ ރަށު މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމަވައިފި އެވެ.
ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުން އެ ދެމީހުންނާއި ދެކޮޅަށް ހެކި ހުށަހެޅުމުންވެސް ދެމީހުން ދޫކޮށްލި މައްސަލަ ޕީޖީ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ކޯޓުގެ މެޖިސްޓްރޭޓް މައްސަލަ އާއި ގުޅިގެން ހުށަހެޅި ހެކިތައް ބަލައި ނުގަތް މައްސަލަ ބަލައި ދިނުމަށް ޖޭއެސްސީއަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ މެޖިސްޓްރޭޓުންގެ މިފަދަ އަމަލުތަކުން ޝަރުއީ ދާއިރާގެ އަގު ވެއްޓޭ ކަމަށެވެ.
ފުލުހުން ރޭ ބުނީ ދެ ދިވެހިން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް މުއްދަތު އިތުރު ކުރުމަށް އެ ރަށު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެ ދެމީހުން ދޫކޮށްލީ އެވެ. ކޯޓުން އެމީހުން ދޫކޮށްލާފައިވަނީ އެމީހާއަށް ކުރި އަނިޔާތަކުގެ ފޮޓޯ އާއި ޑޮކްޓަރުގެ ލިޔުމާއި، މަންޒަރު ދުއްފަރާތުގެ ބަޔާންވެސް ހުށަހަޅާފައިވަނިކޮށް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
https://twitter.com/HuShameem/status/1247127079264501761
މި މައްސަލައިގަ ހައްޔަރު ކުރީ48 އަހަރާއި38 އަހަރުގެ ދިވެހި ފިރިހެނުންނެވެ.
އެމީހުން ވަނީ އެމީހާއަށް ހަމަލާދީ ނޭފަތާއި ލޯ ކައިރި ފަޅާލާފަ އެވެ. އަދި ލިބުނު އަނިޔާތަކުގެ ސަބަބުން އެމީހާގެ މުޅި މޫނު ވަނީ ދުޅަވެފައި އެވެ.
ފުލުހުން ބުނީ އަނިޔާ ލިބިފައިވަނީ28 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށެވެ. އެމީހާ އަކީ އިންނަމާދޫގައި ނަރުދަމާ މަސައްކަތް ކުރަން އުޅޭ މަސައްކަތު މީހެކެވެ.
މިހާތަނަށް ބެލި ބެލުމުން ބިދޭސީ މީހާއަށް ހަމަލާދީ48 އަހަރުގެ ދިވެހި މީހާ ގޭގައި ހުރި ގަސްތަކަކަށް ފެންދޭއިރު ނަރުދަމާގެ މަސައްކަތުގައި ގެންގުޅޭ މެޝިނުތަކަށް ފެން އެޅޭ ކަމަށް އެ ބިދޭސީ މީހާ ބުނުމުން ކަމަށް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް