ކޯވިޑް-19 އަށް ޓެސްޓް ކުރެވޭ ސާމްޕަލް ތަކުގެ އަދަދު 300 އަށް އެރުވުމަށް ޓެސްޓްކުރާ އިތުރު މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވެއްޖެއެވެ.
ޑަބްލިއުއެޗްއޯ އިން ކޯވިޑް-19 އަށް ޓެސްޓް ކުރާ އިތުރު 5،000 ޓެސްޓް ކިޓް ރާއްޖެއަށް ހަދިޔާކުރުމަށް ދަރުބާރުގޭގައި ބޭއްވުނު ރަސްމިއްޔާތުގައި ސަލީމް ވިދާޅުވީ ކޯވިޑް-19 އަށް 24 ގަޑިއިރު ތެރޭ 200 ޓެސްޓު ހެދުމުގެ ގާބިލުކަން މިހާރު އައިޖީއެމްއެޗުގައި އެބަހުރި ކަމަށާއި ދުވާލެއްގެ މައްޗަށް ޓެސްޓް ކުރެވޭ ސާމްޕަލް ތަކުގެ އަދަދު 300 އަށް އެރުވުމަށް ޓެސްޓްކުރާ އިތުރު މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސަލީމް ވިދާޅުވީ އައިޖީއެމްއެޗް ގައި މިހާރު ކަރަންޓީން ފެސިލިޓީތަކުގައި ތިބި އެންމެން ވެސް ޓެސްޓް ކުރުމުގެ މަސައްކަތް ކުރާ ކަމަށާއި މިހާތަނަށް 1700 އަށް ވުރެ ގިނަ ސާމްޕަލް ޓެސްޓް ކުރެވިފައި ވާކަމަށެވެ.
ވީހާވެސް އަވަހަށް ސާމްޕަލް ތަކުގެ ނަތީޖާ ހޯދުމަށް މަސައްކަތް ކުރާ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ސާމްޕަލް ޓެސްޓް ކުރުމުގައި އައިޖީއެމްއެޗްގެ ސްޓާފުންގެ އިތުރުން ސޮސައިޓީ ފޮ ހެލްތް އެޑިއުކޭޝަން (ޝީ) އާއި ދިވެހި ފުލުހުންގެ އެހީތެރިކަން ވެސް ލިބޭކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް