ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ޓެސްޓް ކުރާ މީހުންނާ މެދު އާންމުން ތަފާތު ކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް މޯލްޑިވްސް ރެޑް ކްރެސެންޓުން ބުނެފި އެވެ.
ކޯވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް 19 މީހަކު ޕޮޒިޓިވް ވެފައިވާއިރު، 13 މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ. ބާކީ ތިބި ހަ މީހުންގެ ތެރެއިން އިނގިރޭސި ވިލާތުން ރާއްޖެ އައި ހަތަރު ދިވެހިން ފިޔަވައި އިތުރު ދިވެއްސެއްގެ ގައިން އެ ވައިރަސް ފެނިފައި ނުވިޔަސް، ޝައްކު ކުރެވޭ އަލާމާތްތައް ފެންނަ މީހުން ދަނީ ޓެސްޓް ކުރަމުންނެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން، ނަފްސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެ ޖަމާއަތުން ކުރާ މަސައްކަތުގައި، އެ ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓް ކުރެވޭ މީހުންނާ މެދު އާންމުން ތަފާތު ގޮތަށް އަމަލުކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އޭގެ ސަބަބުން، މުޖުތަމައުގެ ތެރެއަށް އަނބުރާ އައުމަށް އެފަދަ މީހުންނަށް ދަތިތައް ކުރިމަތިވާ ކަމަށް ހިމްޔާ ވިދާޅުވި އެވެ. ހިމްޔާ ވިދާޅުވީ މިފަދަ ކަންކަން ދިމާވެފައިވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ރަށަށް ދިއުމުންނާއި މާލެ އައުމުން ކަމަށެވެ.
ކޯވިޑް-19 އަކީ ވަކި ބަޔަކަށް އެކަނި ޖެހޭ ބައްޔެއް ނޫން ކަން ފާހަގަ ކުރައްވައި، އެންމެން ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިސްކަން ދިނުމަށް ހިމްޔާ ގޮވާލެއްވި އެވެ. އެގޮތުން ބިދޭސީންނާ މެދު ވެސް ގޯސް ގޮތަކަށް ދެކޭ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް ހިމްޔާ ވިދާޅުވި އެވެ.
ހިމްޔާ ވިދާޅުވީ ކޯވިޑް-19 އަށް ބިދޭސީން ހޭލުންތެރި ކުރުމަށްޓަކައި ޕްރޮގްރާމްތަކެއް ހިންގަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސީންނަށް އެ ޕްރޮގްރާމް ހިންގާފައިވާ ކަމަށް ވެސް ހިމްޔާ ވިދާޅުވި އެވެ. ލީފްލެޓާއި ޕޯސްޓަރު ފަދަ ވަސީލަތްތައް މެދުވެރިކޮށް 40،000 އެއްހާ މީހުންނަށް އޭގެ މައުލޫމާތު ފޯރުކޮށް ދެވިފައިވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް